އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގެ ވެރިކަން ކުރާ ކަލްކަޓާ ސިޓީއާ އެ ސިޓީ ވަށައިގެންވާ އަވަށްތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓު ކުރުމަށް، އާރްޓީ-ޕީސީއާރް ޓެސްޓު ހަދާ ކޮންމެ 2 މީހަކުން 1 ގެ ނަތީޖާ، މި ބައްޔަށް ޕޮޒިޓިވް ވަމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ސްޓޭޓްގެ އެހެން ސަރަހައްދުތަކަށް ބަލާއިރު މިއަދަދު އުޅެނީ ކޮންމެ 4 މީހަކުން 1 ގެ ރޭޓުގައެވެ. މިއީ މިމަހުގެ ކުރީކޮޅާ އަޅާ ބަލާއިރު، 5 ގުނަ އިތުރު ރޭޓެކެވެ. އޭރު ކޮވިޑަށް ޕޮޒިޓިވް ވަނީ ހަދާ ކޮންމެ 20 ޓެސްޓަކުން 1 ޓެސްޓެވެ.

ދައުލަތުން ހިންގާ ހޮސްޕިޓަލެއްގެ އިސް ޑޮކްޓަރަކު ވިދާޅުވީ، މި ފެންނަނީ އަދި ކޮޅުމަތި ކަމަށާ، ހަގީގީ އަދަދުތައް މިއަށްވުރެ މާ ނާމާންވާނެ ކަމަށެވެ. އެހެނީ، މިހާރުވެސް ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އާލާމަތްތައް ނުފެންނަ އެސިމްޓޮމެޓިކް ކޭސްތަކާ، ސިމްޓޮމެކިކް ކޭސްތަކުގެ ތެރެއިންވެސް އަމިއްލައަށް ޓެސްޓު ނުކުރާނެ ގިނަ އަދަދެއްގެ ބަޔަކު އުޅޭނެ ކަމަށެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ، އިންޑިއާއިން އަދިވެސް އެކަށީގެންވާ ގޮތެއްގައި ޓެސްޓު ނުކުރާ ކަމަށެވެ. ނަމަވެސް، ޓެސްޓު ކުރުން މަޑުޖައްސާލައިގެން ނުވާނެ ކަމަށާ، އެހެނީ، ޓެސްޓު ކުރުމަކީ ބަލިމަޑުކަމުގެ ރާޅު ކޮންޓްރޯލް ކުރުމަށް އޮތް އެންމެ މުހިންމު ހަތިޔާރު ކަމަށްވެސް ޑޮކްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައިވެސް އިންޑިއާއިން 349691 ކޭސް ފެނިފައި ވާ ކަމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ވަނީ ރިޕޯޓް ކޮށްފައެވެ. މިއާއެކު އިންޑިއާގެ ކޮވިޑް ކޭސްލޯޑް ވަނީ 16.96 މިލިއަނަށް އަރާފައެވެ. ފާއިތުވީ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ވަނީ 2767 ކޮވިޑް މަރުވެސް ރެކޯޑް ކޮށްފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، އިންޑިއާގެ މަސްރަހުން މިހާރު ސިފަވަމުން އެދަނީ، ކޮވިޑް-19 ޖައްސާ ވައިރަހަށް ލިބިފައިވާ "ގާބިލުކަމުގެ" ހިތްދަތި ހަނދާން އާ ކޮށްދިނުމެއް ކަމަށް ބުނެފައެވެ.