ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް، ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިންޑިއާއަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމެރިކާއިން ވައުދުވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުނު ފަހުން މިހާތަނަށް އެއްވެސް މަންޒިލަކުން ރިޕޯޓް ނުކުރާ އަދަދުތަކުން، އިންޑިއާއިން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން އަންނަތާ މިހާރު ވަނީ، ވިދިވިދިގެން 4 ދުވަސް ވެފައެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެފައިވާ އެމެރިކާއިން ބުނީ، އިންޑިއާއަށް ކުރިމަތިލާންޖެހިފައިވާ ކޮވިޑް ސާޖާ ގުޅިގެން، އެމެރިކާއިން އިންތިހާއަށް ކަންބޮޑު ވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓްހައުސްގެ ތަރުޖަމާނަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، އިންޑިއާގެ ސަރުކާރާއި ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން، އެމެރިކާއިން މިހާރުވެސް ދަނީ ހަރަކާތްތެރިކަމާއެކު، އިންޑިއާގެ މަތީ ފެންވަރުގެ އޮފިޝަލުންނާ މަޝްވަރާ ކުރަމުންނެވެ.

އެމެރިކާއިން އިންޑިއާއަށް ފޯރުކޮށްދޭ އެހީގެ ތަފްސީލެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އޭޕްރިލް މަހުގެ މެދަކާ ހިސާބުން ފެށިގެން އިންޑިއާއިން ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ފެންނަމުން ދާއިރު، ކޮވިޑަށް ދޭ ބޭހާއި އޮކްސިޖަން ސަޕްލައިގެ ދަތިކަން، އެ ގައުމަށް ވަނީ އޭގެ އެންމެ އިންތިހާއަށް ކުރިމަތިވެފައެވެ. ބައެއް ހޮސްޕިޓަލުތަކުން އެކަށީގެންވާ ގޮތެއްގައި އޮކްސިޖަން ފޯރުކޮށް ނުދެވުމުގެ ސަބަބުން، ޕޭޝަންޓުން މަރުވުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައިވެސް އެ ގައުމުން 349691 ކޭސް ފެނިފައި ވާ ކަމަށް، އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ވަނީ ރިޕޯޓް ކޮށްފައެވެ. މިއާއެކު އިންޑިއާގެ ކޮވިޑް ކޭސްލޯޑް ވަނީ 16.96 މިލިއަނަށް އަރާފައެވެ. ފާއިތުވީ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ވަނީ 2767 ކޮވިޑް މަރުވެސް ރެކޯޑް ކޮށްފައެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އިންޑިއާގައި މިވަގުތު ތިބި ކޮވިޑް ޕޭޝަންޓުންގެ ހަގީގީ އަދަދުތައް މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެއެވެ.