ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ މީހުން، ބުޅާ ގެންގުޅޭނަމަ، އެ ބުޅަލުގައި އޮޅުލާ، އަތްލާ ނުހެދުމަށާ، އެ ބުޅަލާ ދުރުގައި އުޅުމަށް އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން އިންޒާރު ކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ކަމޭ ބެހޭ ފަރާތްތަކުން މިފަދަ އިރުޝާދެއްގެ އިންޒާރު ދީފައި މިވަނީ، ބުޅާ ގެންގުޅޭ މީހާގެ ފަރާތުން ބައެއް ބުޅާތަކަށް ކޮވިޑް-19ގެ އަސަރު ފޯރި ހިސާބުންނެވެ.
އިނގިރޭސިވިލާތުގެ ބުޅަލުގެ އާބާދީ ސްކްރީން ކުރުމަށް ޔުނިވާސިޓީ އޮފް ގްލާސްގޯއިން ކުރިއަށް ގެންދާ ތަހުގީގުތަކުން، މިހާތަނަށް، އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް ވައިރަސް ފޯރިކަމުގެ 2 ކޭހެއް ވަނީ ފާހަގަ ކުރެވިފައެވެ.
ބްރިޓިޝް ވެޓްރިނަރީ އެސޯސިއޭޝަންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް، ޑެނިއެލާ ޑޯޒް ސަންޓޯސް ވިދާޅުވީ، އިންސާނުންގެ ފަރާތުން ޖަނަވާރުތަކަށް ބަލި ފެތުރުމުގެ މަދު ކޭސްތަކެއް ދުނިޔޭގެ އެކި ހިސާބުތަކުން ފާހަގަ ކުރެވިފައި ވާ ކަމަށެވެ.
އެކި ކަހަލަ އޮޅު ޖަނަވާރުތައް ގެންގުޅޭ ފަރާތްތަކުން ބައްޔަށް ޕޮޒިޓިވްވުމަށްފަހު އެ ޖަނަވާރުތަކާ ދުރުގައި އުޅުމަށާ، ޖަނަވާރުތަކުގެ ކިބައިން ބަލީގެ އާލާމާތް ފެންނަ ނަމަ، ވެޓަށް ގެންދިއުމުގެ ބަދަލުގައި، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެނައުމަށްވެސް ސަންޓޯސް ވަނީ ގޮވާލައްވާފައެވެ.
ކަން މިހެން އޮތް އިރު، ބުޅަލުގެ ޒަރިއްޔާއިން އިންސާނުންނަށް ވައިރަސް ފޯރި ކަމުގެ ހެއްކެއް އަދި ލިބިފައެއް ނެތެވެ. ނަމަވެސް، ޖަނަވާރުތަކަކީ ވައިރަހުގެ ރިޒާވަކަށް ވެދާނެ ކަމަށް، ދިރާސާކުރާ ބައެއް ފަރާތްތަކުން ތުހުމަރު ކުރެއެވެ.
އިންސާނުންގެ ފަރާތުން މީގެ ކުރިންވެސް ޖަނަވާރުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މީ އަލަށް ހިނގައިގެން އުޅޭ ކަމެއް ނޫނެވެ. ކޮރޯނާ ވައިރަހަކީ ޒޫނޮޓިކް ވައިރަހެކެވެ. ރެފަރެންސް: https://www.nationalgeographic.com/animals/article/tiger-coronavirus-covid19-positive-test-bronx-zoo