އިންޑިއާގައި ކޮވިޑް ކޭސްތައް ގިނަ ވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އަންނާތީ ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އުޝާމް މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. މައުސޫމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ކޮވިޑް ކޭސްތައް މަދު ކުރުމަށް މާސް އެޅުމާއި ގައިދުރުކަން ދެމެހެއްޓުން މުހިންމު ކަމަށެވެ. އަދި ވެކްސިން ޖެހުމަކީ ވެސް ކޮވިޑުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެއް ކަމަށާއި ރައްކާވެ ތިބިއްޔާ އޮތީ ދަތުރު ފަތުރު ކަމަށް މައުސޫމް ވިދާޅުވެފައި ވެއެވެ.

ޑރ. މައުސޫމް އަށް ރައްދު ދެއްވާ އުޝާމް ވަނީ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް އައުން މަނާ ކުރާކަށް ނުވޭތޯ އައްސަވާފައެވެ. ރައްކާވެތިބިއްޔާ ދަތުރޭ ވިދާޅުވާ އިރު އަމަލުން އެކަން ފެނިވަޑައިނުގަންނަވާ ކަމަށާއި ރާއްޖޭގެ ހާލަތު އިތުރަށް ގޯސް ނުވަނީސް ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް މިހެން ވިދާޅުވެފައި ވާއިރު އިންޑިއާގައި ކޭސްތައް ގިނަވަމުން އަންނާތީ އެހެން ގައުމުތަކުން އަންނަނީ އެ ގައުމުތަކުގެ ބޯޑަރު އިންޑިއާ މީހުންނަށް ބަންދު ކުރަމުންނެވެ. ނަމަވެސް ރާއްޖޭގައި އިމިގްރޭޝަނުން ވަނީ އިންޑިއާ ފިޔަވާ އެހެން ގައުމުތަކުގެ ފަތުރުވެރިން ކަރަންޓީން ވާން ޖެހޭ ގޮތަށް އުސޫލެއް ނެރެފައެވެ. ފަތުރުވެރިން ކަރަންޓިން ވާން ނުޖެހުނު ނަމަވެސް އިންޑީއާއިން އަންނަ ދިވެހިން ނުވަތަ ވޯކް ވިސާގައި އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ހޯމް ކަރަންޓީން ވާން ޖެހެއެވެ.

މި ފަހަކަށް އައިސް އިންޑިއާއިން ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ފެންނަމުން އަންނަ އިރު ފާއިތުވީ 24 ގަޑިއިރު ތެރޭ 332730 ކޮވިޑް ކޭސް ފެނިފައި ވާކަމަށް އިންޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، މުޅި ދުނިޔެވެސް ދުށް ރެކޯޑެކެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް އިންޑިއާއިން ވަނީ ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކޮށްފައެވެ.

ރާއޖޭގައި އަނެއްކާވެސް ކޮވިޑް ކޭސްތައް މިއަންނަނީ އިތުރު ވަމުންނެވެ. އެ ގޮތުން އިއްޔެ ވަނީ ރެކޯޑް އަދަދަކށް ރާއްޖޭއިން ވެސް ކޮވިޑް ކޭސް ރިޕޯޓް ކޮށްފައެވެ. އެއީ 319 ކޭސްއެވެ. އިތުރު ތަފްސީލަށް ބަލާއިރު އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 108 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 21 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 182 މީހަކާއި އިންޑަސްޓްރިއަލް ޕޮޒިޓިވްވި 8 މީހެކެވެ.