ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިންޑިއާގެ ހާލަތު ކޮންޓްރޯލް ކުރުމަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް ކަމަށް، އިންޑިއާގެ ސަރަހައްދީ ވާދަވެރިޔާ، ޗައިނާއިން ބުނެފިއެވެ.

މި ދަނޑިވަޅަކީ އިންޑިއާއަށް އޮކްސިޖަން ސަޕްލައިގެ ދަތިތަކެއް ކުރިމަތިވެފައި ވާ ވަގުތުތަކަށް ވާއިރު، އެ ގައުމުން ވަނީ އޮކްސިޖަން އިމްޕޯޓް ކުރުމާ ދިމާއަށް މިސްރާބު ޖަހާފައެވެ. ނަމަވެސް، އިންޑިއާއަށް އޮކްސިޖަން އިމްޕޯޓް ކުރަން ގަސްތުކޮށްފައިވާ ގައުމުތަކުގެ ލިސްޓުގައި ޗައިނާ ހިމަނާފައި ނުވާ ކަމަށް، ޗައިނާގެ އޮފިޝަލުން ވިދާޅުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާއިން އޮކްސިޖަން ސަޕްލައިއަށް ބަރޯސާވާން ގަސްތު ކުރަނީ ސިންގަޕޫރާ ގަލްފުގެ ގައުމުތަކަށެވެ.

ކޮވިޑް-19އަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ދުޝްމަނެއް ކަމަށާ، މި ދުޝްމަނާއެކު ބައިނަލްއަގުވާމީ އެއްބައެއްވަންތަކަން ދެމެހެއްޓުމަށް މަޖުބޫރު ކުރުވާ، ދޭދޭ އެހީއަށް ގޮވާލާކަމަށް ސިފަކުރަމުން، ޗައިނާގެ ފޮރިން މިނިސްޓްރީއިން ބުނީ، އިންޑިއާގެ ހާލަތު ޗައިނާގެ ސަރުކާރުން ބަލާފައި ވާ ކަމަށެވެ.

އިންޑިއާއިން ވަނީ ޗައިނާ މެދުވެރިކޮށް، ސިއްހީ ބައެއް އާލާތްތައް މިދިޔަ އަހަރު ހޯދާފައެވެ. ނަމަވެސް، އެއީ ވިޔަފާރި އުސޫލުންނެވެ. އިންޑިއާ އަދި ޗައިނާއަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދެކުނު އޭޝިއާގެ ގައުމުތަކަށް އެންމެ ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައިވާ 2 ގައުމެވެ. އިންޑިއާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ނުރައްކަލާއެކު، އެ ގައުމުން ވަނީ މި އެހީތައް މަޑުޖައްސާލަފައެވެ.

ޗައިނާއިން ބުނީ ކޮވިޑް-19ގެ އިޖާބައާ ގުޅޭ ގޮތުން، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާއެކު ގުޅިފައިވާ މަސައްކަތްތަކެއް ކުރުމުގެ މަޝްރޫއެއް ފަށާފައި ވާކަމަށެވެ.