ދޮޅު އަހަރު ވީ އިރުވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިންޑިއާއިން، ބުރާސްފަތި ދުވަހު 3 ލައްކައަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ކޮވިޑް-19ގެ 314835 ކޭސް އަލަށް ރިޕޯޓް ކޮށްފައި ވާއިރު، މިއީ މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، ގައުމުން 1 ދުވަހާ މިހާ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރި ފުރަތަމަ ފަހަރެވެ.

ބުރާސްފަތި ދުވަހަކީ އިންޑިއާއިން ރެކޯޑް އަދަދަކަށް މަރުގެ ކޭސްވެސް ރިޕޯޓް ކުރި ދުވަހެކެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައި 2104 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް އިންޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ކޮވިޑް-19ގެ ދެވަނަ ރާޅެއްގައި އިންޑިއާ ޣަރަގުވަމުން ދާއިރު، އެ ގައުމުގެ ސިއްހީ ހިދުމަތުގެ ނިޒާމު ވަނީ މުޅިންހެން އިނދަޖެހިފައެވެ. ދުނިޔޭގެ ފާމަސީގެ ގޮތުގައި ސިފަކުރަމުން އައި އިންޑިއާގައި ކޮވިޑް-19އަށް ދޭނެ ހާއްސަ ޑްރަގްތައް ލިބުން ދަތިވެފައި ވާއިރު، ބޮޑެތި ހޮސްޕިޓަލުތަކަށް އޮކްސިޖަން ސަޕްލައިގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ ކޮވިޑް-19ގެ ކޭސްތައް އިންޑިއާގައި ކޮންޓްރޯލެއް ނެތި އިތުރު ވަމުން އަންނައިރު، އޮކްސިޖަންއަށް އޮތް ޑިމާންޑް ފޫބެއްދުމަށްޓަކާ، ސިނާއީ މަސައްކަތްތަކަށް ބޭނުން ކުރާ އޮކްސިޖަން ސަޕްލައިވެސް ސިއްހީ ނިޒާމަށް ހާއްސަ ކުރުމަށް، އިންޑިއާގެ ހައިކޯޓުން ވަނީ އެ ގައުމުގެ ސަރުކާރަށް އަމުރު ކޮށްފައެވެ.

މީގެ އިތުރުން ޖާގައިގެ ދަތިކަން، އިންތިހާއަށް ކުރިމަތިވެފައި ވާ ކަމަށް ހަބަރު ލިބެއެވެ. ބުރާސްފަތި ދުވަހުގެ މެންދުރާ ހިސާބަށް އައިއިރު، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާކީ ހުރީ އެންމެ 26 އައިސީޔޫ އެނދު ކަމަށް، އިންޑިއާ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސްޓޭޓްތަކުގެ ފެންވަރުގައި އެކި ކަހަލަ ފިޔަވަޅުތައް އަޅަމުންދާއިރު، ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ، ގައުމު ލޮކްޑައުން ކުރައްވާނީ އެންމެ ފަހު ކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

އިންޑިއާއިން ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއްވެސް ފެނިފައި ވާއިރު، ގިނަ ގައުމުތަކަކުން ދަނީ އިންޑިއާ މަގުން ކުރާ ދަތުރުތައް މެދުކަނޑާލަމުންނެވެ. މި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާ ނިއުޒީލަންޑް ފަދަ ގައުމުތައް ހިމެނެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާގެ ކޮވިޑް ކޭސް ލޯޑް މިހާރު ވަނީ 15930965 އާށް އަރާފައެވެ. އަދި މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 184657 އަށް ވަނީ އަރާފައެވެ.

ގިނަ އަދަދަކަށް ދިވެހިން ދަތުރުކޮށް، އަދި ވަޒަންވެރިވެ އުޅޭ އިންޑިއާގައި ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެމުންދާއިރު، އެކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކި ހާއްސަ އެންގުމެއް އަންގާފައެއް ނުވެއެވެ. އަދި އިންޑިއާގައި ވަޒަންވެރިވެ ތިބި ދިވެހިންނަށްވެސް ވަކި ހާއްސަ އިރުޝާދެއް ނެތް ކަމަށާ، ނަމަވެސް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ބޯލެނބުމަށް އެ ރައްޔިތުންނަށް އާންމުކޮށް އަންގާފައި އޮންނަ އުސޫލުން އަންގާ ކަމަށް ދިވެހި ފޮރިން މިނިސްޓްރީއިން ބުނެއެވެ.