މޫސުމީ ގޮތުން ކުރިމަތިވާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ އެންމެ ވަރުގަދަ އެއް އެއްބަސްވުން ކަމަށްވާ، ޕެރިސް ކްލައިމެޓް އެގްރީމަންޓްގެ ދަށުން، 2030 ވަނަ އަހަރު އަންނައިރު، އެމެރިކާއިން ޖައްވު ހޫނުކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު، 2 ބައިކުޅަ އެއްބައި މަދު ކުރުމަށް، އެގައުމުގެ ރައީސް ޖޯ ބައިޑަން ވައުދުވެވަޑައިގަތުމާއެކު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ބައިޑަންއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
2030 ވަނަ އަހަރު އަންނައިރު، އެމެރިކާއިން ޖައްވު ހޫނުކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު، 2 ބައިކުޅަ އެއްބައި މަދު ކުރުމަށް ބައިޑަން ވައުދުވެވަޑައިގަތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ލީޑަރުން ބައިވެރިވެވަޑައިގެން، ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވާޗުއަލް ކްލައިމެޓް ސަމިޓްގައި، ބުރާސްފަތި ދުވަހު ވާހަކަފުޅުދައްކަވަމުންނެވެ.
ޖައްވު ހޫނުކުރާ ވިހަ ގޭސް ބޭރު ކުރާ މިންވަރު މަދު ކުރުމަށް 2015 ވަނަ އަހަރު އެކުލަވާލި ޕެރިސް އެގްރީމަންޓްއިން އެމެރިކާ ވަކިވީ، ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައެވެ. ނަމަވެސް، އެމެރިކާގެ ވެރިކަމާ ބައިޑަން ހަވާލުވެވަޑައިގެން، މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެމެރިކާއިން ވަނީ އަލުން އަނބުރާ، މި އެއްބަސްވުމަށް ރުޖޫއަވެފައެވެ.
ބައިޑަންގެ ވައުދުފުޅަށް މަރުހަބާ ވިދާޅުވަމުން ކުރެއްވި ޓްވީޓްގައި ރައީސް ސޯލިހު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ އަސަރަކީ ހުރިހާ އެންމެނަށްވެސް އެކަމުގެ އަސަރު ފޯރާ ކަމެއް ކަމަށާ، މިކަން ކުޑަ ކުރުމަށް އެމެރިކާ އިސްވެ އޮވެ ކުރަމުންދާ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކީ، ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގެ ދެމިއޮތުމަށް ކުރިމަތިވެފައިވާ ނުރައްކަލެއް ކަންވެސް ރައީސް ސޯލިހުގެ ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ވައިޓްހައުސްގައި ހުންނަވާ، ވާހަކަފުޅުދައްކަވަމުން ބައިޑަން ވަނީ، އެންމެ ލަސްވެގެން، 2050 ވަނަ އަހަރު އަންނައިރު، އެމެރިކާގެ އިގުތިސޯދަކީ "ޒީރޯ އެމިޝަން އިކޮނޮމީ" ނުވަތަ ޖައްވު ހޫނުކުރާ ވިހަ ގޭސް ބޭރުކުރާ މިންވަރު ސުން ރޭޓަށް ދަށް ކުރާ އިގުތިސޯދަކަށް ހެދުމަށް، އެމެރިކާއިން ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ދުނިޔެ ހޫނުވަމުންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި، ޖައްވު ހޫނުކުރާ ވިހަ ގޭސް ބޭރުކުރާ މިންވަރު، 2030 ވަނަ އަހަރު އަންނައިރު، 2 ބައިކުޅަ 1 ބަޔަށް މަދު ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.