ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މަދުގައި ގުރުއަތު ނެގުން މި މަހުގެ 25 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.

ހިޔާ މަޝްރޫއުގެ ގުރުއަތު ނެގުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން އެޗްޑީސީން ބުނީ، ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއް ކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، އެފަރާތް ތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ވަނީ އެ ކޯޕަރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.

އެގޮތުން ހިޔާ ފުލެޓްގެ ގުރުއަތުގެ ދެވަނަ ބުރު މި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް އެޗްޑީސީން ބުނެއެވެ. ގުރުއަތު ނަގާނީ 25 އޭޕްރީލުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައި ދެ ދަން ފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް އަދި މެންދުރުފަހު 1:00 އިން ފެށިގެން ހަވީރު 3:00 އަށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގުރުއަތު ނެގުމަށް ހަމަޖެހުފައިވާ ކެޓަގެރީތައް:

  • H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ)
  • H5 (ޓީޗަރުންނަށް ހާއްސަ)
  • H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ)
  • H7 (18އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ)
  • H8 (މާލޭ ރަށްވެހިންނަށް ހާއްސަ)
  • H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ހާއްސަ)
  • ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ (ފަންނީ، އިދާރީ، ސަޕޯޓްގެ)

މީގެ އިތުރުން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފުލެޓު ލިބި، ފުލެޓަށް ފައިސާ ނުދެއްކިގެން ފުލެޓު ލިބިފައި ނުވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓު ހިޔާރު ކޮށްފައިވާ ފަރާތްތަކާއި، ގުޅީފަޅުން ފުލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލުޓް ހިޔާރު ކޮށްފައިވާ ފަރާތްތަކުގެ ގުރުއަތު ވެސް މިބުރުގައި ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ގުރުއަތު ނަގާނީ، ފްލެޓް ލިބިފައިވާ ކަމަށް ސަރުކާރުން ކަނޑައަޅައި އެ ކޯޕަރޭޝަނާ ހިއްސާ ކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ.ކާޑު ނަމްބަރު ތަރުތީބުން ކަމަށް އެޗްޑީސީން ބުނެއެވެ. ކޮންމެ ދުވަހަކު ވެސް ގުރުއަތު ނަގާނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކުގެ މެދުގައި ކަމަށާއި ކޮންމެ ދުވަހެއްގެ ވެސް ގުރުއަތު ނަގާ ފަރާތްތަކުގެ މައުލޫމާތު ގުރުއަތު ނަގާ ދުވަހުގެ އެއް ދުވަސް ކުރިން އާންމު ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ގުރުއަތު ނަގާ އިރު ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ލައިވް ކޮށް ދައްކަމުން ދާނެ ކަމަށާއި މީޑިއާގެ އެހެން ވަސީލަތް ތަކުން ވެސް ލައިވް މަންޒަރު ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ގުރުއަތު ނަގާއިރު، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެއެވެ. އަދި ގުރުއަތު ނަގާ ފަރާތުގެ ފޯނަށް އެ މައުލޫމާތު އެސްއެމްއެސްއަކުން ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން ގުރުއަތަށް ފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި، ފުލެޓްގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.