ކަރަންޓީނު ނުވެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރާ އިރު ކޮވިޑް ޖެހިފައި ވޭތޯ ބެލުމަށް ހަދަން ޖެހޭ ޕީސީއާރް ޓެސްޓު ފްލޫ ކްލިނިކް ތަކުން ހިލޭ ހަދައިދޭ ގޮތަށް ހަމަޖައްސައިފިއެވެ.
ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން މިއަދު މެންދުުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ވެކްސިން ކްލަސްޓާ ޓީމުން ފާތިމަތު އަނާ ވިދާޅުވީ ފްލޫ ކްލިނިކްތަކަކީ މިހާރު ވެސް ރިލީޒް ސާމްޕަލަށް ޕީސީއާރް ޓެސްޓް ހަދައިދޭ ތަންތަން ކަމަށެވެ. ނަމަވެސް މިހާރު ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރް ޓެސްޓު ހިލޭ ހަދައިދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެކްސިން ޖެހުމުން ލިބޭ ލުއިތަކުގެ ތެރޭގައި އެ ރަށެއްގެ އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ރަށްރަށަށް ކަރަންޓީން ނުވާ ގޮތަށް ދަތުރު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މި ހާލަތުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހަކާއެކު ކުޑަކުއްޖަކު ދަތުރު ކުރާ ނަމަ އެ ކުއްޖާއަށް ދަތުރު ކުރެވޭނީ ޕީސީއާރް ނެގެޓިވް ރިޒަލްޓަކާ އެކުއެވެ. ހަމައެއާއެކު ދަތުރު ކުރާ މީހާ ހުރި ރަށަކީ ބަލި ފެތުރިފައިވާ ރަށަކަށް ވެފައި އެ ރަށުގެ އާބަދީގެ 5 ޕަސެންޓަށް ވުރެ މަތިން ޕޮޒިޓިވް ވެފައިވާ ރޭޓް ހުރި ރަށަކަށް ވާނަމަ ދަތުރު ކުރާ މީހާ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ހުރި ނަމަވެސް ޕީސީއާރް ޓެސްޓު ހަދައި ނެގެޓިވް ނަތީޖާއަކާ އެކު މެނުވީ ދަތުރު ނުކުރެވޭނެއެވެ.
މި ގޮތަށް އަމަލު ކުރަން ފަށާފައި ވަނީ މި މަހުގެ 20 އިން ފެށިގެންނެވެ. ނަމަވެސް އަދި ރާއްޖޭގެ އެއްވެސް ރަށެއްގެ އާބާދީގެ 60 ޕަސެންޓަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވިފައި ނުވާ ކަމަށް އެޗްއީއޯސީން ބުނެއެވެ. މިހާތަނަށް އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި އާބާދީގެ 60 ޕަސެންޓަށް ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.
ކަރަންޓީނު ނުވެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ދީފައިވާ ލުއިތަކުގެ ތެރެއިން މީގެ ކުރިން ޕީސީއާރް ޓެސްޓު ހަދައިދިން ނަމަވެސްއެ ޓެސްޓު ހެދުމަށް ފައިސާ ދައްކަން ޖެހެއެވެ. އަދި އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒްއާއެކު ބޮޑު ލުއިތަކެއް ދޭން ފަށާފައި ވާއިރު، އިއްޔެގެ ނިޔަލަށް 287،171 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 62،586 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.