ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާ އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިންގެ ފޯމިއުލާއަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއިން އުފެއްދި ކޮވިޝީލްޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ނިސްބަތް އުޅެނީ 0.03 ޕަސެންޓްގައި ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ކޮވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ މެދުގައި ޕޮޒިޓިވްވާ ރޭޓް އުޅެނީ 0.04 ޕަސެންޓްގައި ކަމަށްވެސް އިންޑިއާގެ ސަރުކާރުން ބުނެއެވެ. ކޮވެކްސިންއަކީ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) އާ ބާރަތު ބައޮޓެކްގެ އުފެއްދުމެކެވެ.

އައިސީއެމްއާރްގެ ޑައިރެކްޓާ ޑައިރެކްޓާ ޖެނެރަލް ބަލްރާމް ބަރުގާވާ ވިދާޅުވީ، ކޮވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި 1737178 ފަރުދުންގެ ތެރެއިން ކޮވިޑް ޖެހިފައި ވަނީ 0.04 ޕަސެންޓް މީހުންނަށް ކަމަށާ، ކޮވިޝީލްޑްގެ 2 ޑޯޒް ފުރިހަމަ ކުރި 15732754 މީހުންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 0.03 ޕަސެންޓް މީހުން ކަމަށެވެ.

ބަރުގާވާ ވިދާޅުވީ، މި ދަނޑިވަޅަކީ ހަލުވިކަމާއެކު ދެވަނަ ރާޅު ފެތުރެމުންދާ ދަނޑިވަޅެއް ކަމުން، އެނޫން ހާލަތަށް ބަލާއިރު، މިއީ ސުން ރޭޓަށްވުންވެސް އެކަށީގެންވާ އަދަދުތަކެއް ކަމަށެވެ.

ކޮވިޝީލްޑް އަދި ކޮވެކްސިންއަކީ އިންޑިއާގެ ކޮވިޑް ވެކްސިން ކެމްޕޭންގައި ބޭނުން ކުރުމަށް، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އެންމެ ފުރަތަމަ ރުހުން ދިން 2 ބްރޭންޑްގެ ވެކްސިނެވެ. އިންޑިއާގެ ކޮވިޑް ވެކްސިން ކެމްޕޭނަކީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ހިންގާ އެންމެ ބިޔަ ކެމްޕޭނެވެ. އިންޑިއާއިން ވަނީ އެ ގައުމުގެ 18 އަހަރުން މަތީގެ މުޅި އާބާދީއަށް ކޮވިޑް ވެކްސިން ޖެހުމަށް އަމާޒު ހިފާފައެވެ.