ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އިނގިރޭސިވިލާތުން ތަންފީޒު ކުރަމުން ދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމަށް އެތެރެވުން މަނާ ގައުމުތަކުގެ "ރަތް ލިސްޓު"ގައި އިންޑިއާ ހިމަނާ، މާދަމާ އެކަން ތަންފީޒު ކުރަން ފަށާއިރު، އިނގިރޭސިވިލާތުގެ އެންމެ ކާރޫބާރު ބޮޑު އެއާޕޯޓް ކަމަށްވާ ހީތުރޯ އެއާޕޯޓުން މިހާރުވެސް އިންޑިއާގެ އިތުރު ފްލައިޓްތަކަށް ނޫނެކޭ ބުނަން ފަށައިފިއެވެ.
އިންޑިއާ މަގުން ދަތުރުކުރާ އެއާލައިންތަކަށް ހީތުރޯ އެއާޕޯޓުން ނޫނެކޭ ބުނަމުން ދަނީ، ޕާސްޕޯޓް ކޮންޓްރޯލް ސަރަހައްދުގައި ދެމިގެންދާ ކިއުތަކަށް ބެލުމަށްފަހު، އެކަމުގައި ބިރު އޮތުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.
ހީތުރޯ އެއާޕޯޓުން ބުނީ، އިތުރު ފަސެންޖަރުންނަށް ދަތުރު ކުރަން ހުއްދަ ދީގެން، އިތުރު ޕްރެޝަރެއް ބޯޑަރު ސަރަހައްދުގައި އުފައްދަން ބޭނުން ނުވާ ކަމަށެވެ.
ހުކުރު ދުވަހުގެ ފަތިހު 04:00 އިން ފަށައިގެން، އިންޑިއާއިން އަންނަ ގިނަ ފްލައިޓްތަކަށް އިންގިރޭސިވިލާތުން ނޫނެކޭ ބުނާނެއެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ ރަށްވެހިންނާ އެ ގައުމުގެ ޕާސްޕޯޓް އޮންނަ މީހުންނަށް އިނގިރޭސިވިލާތަށް ވަދެވޭނެ ކަމަށް މައުލުމާތު ލިބެއެވެ. އިނގިރޭސިވިލާތަށް ވަދެވުނު ކަމުގައި ވީ ނަމަވެސް، 10 ދުވަހުގެ ކަރަންޓީނަކަށް ދާން ޖެހެއެވެ.
އިންޑިއާ މަގުން އަންނަ ފްލައިޓްތައް ހުއްޓުވާލުމުގެ އަމުރު ހުކުރު ދުވަހު ތަންފީޒު ކުރަން ފަށާއިރު، ގިނަ އެއާލައިންތަކަކުން ވަނީ އޭގެ ކުރިން ފްލައިޓްތަކެއް އެޅުމުގެ ހުއްދައަށް އެދިފައެވެ. މިހާރުވެސް އިންޑިއާއާއި އިނގިރޭސިވިލާތާ ދެމެދު ހަފުތާއަކު 30 ފްލައިޓް އަޅައެވެ. 4 އެއާލައިނަކުން ވަނީ، މިއަށްވުރެވެސް އިތުރަށް ފްލައިޓް އެޅުމުގެ ހުއްދައަށް އެދިފައެވެ. މީގެ އިތުރުން، ޗާޓަރު ކޮށްގެން ދަތުރުތަކެއް ކުރުމުގެ ހުއްދައަށްވެސް އެދިފައި ވާ ކަން، އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، އެކަށީގެންވާ ކްރައިޓީރިއާއަށް ނުފެތޭތީ، މި ހުށަހެޅުންތަކަށް އިންކާރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
އިނގިރޭސިވިލާތުގެ ދަތުރުފަތުރާ ބެހޭ އިދާރާއިން "ރަތް ލިސްޓު"ގައި އިންޑިއާ ހިމެނީ، އިންޑިއާއިން ރެކޯޑް އަދަދަކަށް ކޮވިޑް ކޭސް ފެންނަމުންދާތީއާ، އިންޑިއާ ވޭރިއަންޓްގެ ސަބަބުންނެވެ.