ބްރޮޑްކާސްޓިން ކޮމިޝަންގެ (ބްރޮޑްކޮމް) ހުސްވެފައިވާ މެންބަރުގެ މަގާމަށް ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ބްރޮޑްކޮމްގެ މެންބަރު ކަމަށް ޝިފްލާ އައްޔަން ކުރަން ކޮމިޓީން ރުހުން ދިން މިއީ ތިންވަނަ ފަހަރެވެ.

މިއީ ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރަން ޝިފްލާގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ތިން ވަަނަ ފަަހަރުވެސް މެއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ޝިފްލާއަށް މަޖިލީހުގެ ތެރެއިން ތާއީދު ނުލިބި ދަނީއެވެ.

ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގައި ބްރޯޑްކޮމް ގެ މެންބަރު ކަމުގެ މަގާމަށް ތިން މީހެއްގެ ނަން ވަނީ ހުށަހަޅާފައެވެ. މިފަހަރު ޝިފްލާގެ ނަން އޮތީ ދެވަނައިގައެވެ. އާންމުކޮށް ނަން ފޮނުވާއިރު މަޖިލީހުން ބޮޑަށް އިސްކަން ދެނީ ނަން ތަރުތީބުންނެވެެ.

ރައީސް ފޮނުއްވި ނަންތަކުގެ ލިސްޓުގެ ކުރީގައި އޮތީ މ. ވެންކޫވާ، ފާތުމަތު ސައުޝަން އެވެ. އަދި ލިސްޓުގެ ތިންވަނައިގައި އޮތީ އދ. މާމިގިލި/ ޖަވާހިރު އައްސޭރި، ޑރ. މުހައްމަދު އިބްރާހިމެވެ.

ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެކޮމިޝަންގައި މިވަގުތު ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަހްމަދު ގައިސް އާއި، މެންބަރު މުހައްމަދު ފަޒީން އާއި، މެންބަރު އާމިނަތު ސަރާޙަތު އިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު އަލީ ޔޫސުފް އަދި މެންބަރު އާމިނަތު އަމީނާއެވެ.