ސިޔާސީ މައިދާނުގައި ސްރީލަންކާގެ ސަރުކާރަށް ލިބިފައިވާ ހުދުމުހުތާރު ބާރުތައް ކުޑަކޮށް، އެ ގައުމުގެ ސަރަހައްދީ ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރުމަށް އަވަސް އިންތިހާބެއް ބޭއްވުމަށް، ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދާ ގޮވާލުމަށް، އަވަށްޓެރި އިންޑިއާއިންވެސް ތާއީދު ކުރާ ކަމަށް، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އޯލް އިންޑިއާ އަނާ ޑްރަވީޑާ މަނެޓްރާ ކަޒަގަމް (އޭއައިއޭޑިއެމްކޭ) ތަމްސީލު ކުރައްވާ މެންބަރު، އެމް ތަމްބީ ދުރާއީއަށް ފޮނުއްވި ސިޓީއެއްގައި ޑރ ޖައިޝަންކަރު ވަނީ، ސްރީލަންކާގެ ކައުންސިލްތަކަކީ ސްރީލަންކާގެ ގާނޫނު އަސާސީއަށް ގެނައި 13 ވަނަ އިސްލާހާ އެއް ގޮތް ވާ ގޮތުގެ މަތީން ހިންގާ ކައުންސިލްތަކަކަށް ވާނެކަން ކަށަވަރު ކުރުމަށްވެސް ގޮވާލައްވާފައެވެ.

ޑރ ޖައިޝަންކަރުގެ ސިޓީއަކީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި ފެންމަތި ކުރި ސްރީލަންކާ ތަމަޅައިންގެ މައްސަލައާ ގުޅިގެން އެކަމަށް ޖަވާބުދާރީވެވަޑައިގެން ފޮނުއްވި ސިޓީއެކެވެ. މިމައްސަލަ ފެންމަތިވީ ސްރީލަންކާއާ ބެހޭ ގޮތުން އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކާ ދިމާކޮށެވެ.

ސްރީލަންކާގެ ތަމަޅައިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން، އިންޑިއާގެ ފޮރިން މިނިސްޓަރު ވަނީ، މަޖިލިސް މެންބަރު ތަމްބީ ދުރާއީއަށް ފޮނުއްވި ސިޓީގައި އަރުވާފައެވެ.

ސްރީލަންކާގެ 9 ޕްރޮވިންސްގައި، މިއަހަރުގެ ފަހުކޮޅު، ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އެ ގައުމުން ވަނީ ރާވާފައެވެ. އަދި މިކަމާ ބެހޭ މަޝްވަރާތައް، ކަމާ ގުޅުން ފަރާތްތަކާއެކު ވަރަށް އަވަހަށް ކުރައްވާނެ ކަމަށް، ސްރީލަންކާގެ އިސް ވަޒީރަކު ވަނީ، މާޗް މަހުގެ ފަހުކޮޅު ވިދާޅުވެފައެވެ. މި އިންތިހާބަކީ 2018 ވަނަ އަހަރުން ފަށައިގެން ނުބޭއްވި، ދިގުލާފައިވާ އިންތިހާބެކެވެ.