ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ވީޑިއޯ ސްޓްރީމިންގް ޕްލެޓްފޯމް "ނެޓްފްލިކްސް"ގެ ސަބްސްކްރައިބަރުން ނުވަތަ އިޝްތިރާކު ދައްކައިގެން އެ ހިދުމަތް ހޯދާ މީހުންގެ އަދަދު ދަށަށް ދިއުމުގެ ސަބަބުން، ނެޓްފްލިކްސްގެ ހިއްސާގެ އަގުތައްވެސް ދަށަށް ދާން ފަށައިފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހާއި މާޗް މަހާ ދެމެދު ނެޓްފްލިކްސްގެ ހިދުމަތް ހޯދުމަށް ރަޖިސްޓްރީ ކުރީ 3.98 މިލިއަން މީހުން ކަމަށް ވާއިރު، މިއަދަދު އުޅޭނެ ކަމަށް ކުރިން ލަފާ ކޮށްފައި އޮތީ 6 މިލިއަނުގައެވެ.

ނެޓްފިލިކްސްގެ ހިއްސާގެ އަގުތައް 11 ޕަސެންޓަށް ވެއްޓުނު ކަމަށް މައުލޫމާތު ލިބެއެވެ.

ނެޓްފްލިކްސް ކުންފުނިން ބުނީ، އިޝްތިރާކު ދައްކައިގެން އެ ޕްލެޓްފޯމްގެ ހިދުމަތް ހޯދާ މީހުންގެ އަދަދު ދަށަށް ދަނީ، އާ ޝޯތައް ނުލިބޭތީ ކަމަށާ، ހިޓް ޝޯތަކުގެ ސީކުއަލްތައް ނިކުންނަ ވަރަކުން މިކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް މުޅި ދުނިޔެހެން ލޮކްޑައުންއަކަށް ގޮސް، ގެތަކުގައި ތިބުމަށް އެތައް ބިލިއަން ބަޔަކަށް މަޖުބޫރުވިއިރު، މިދިޔަ 2020 ވަނަ އަހަރުގެ ތެރޭގައި 15.8 މިލިއަން މީހުން ވަނީ މުޅިން އަލަށް ނެޓްފްލިކްސްއަށް އިޝްތިރާކު ދައްކާފައެވެ.

މިދިޔަ އަހަރު މުޅިން އަލަށް ނެޓްފްލިކްސްއަށް އިޝްތިރާކު ދައްކަން ފެށި މީހުންގެ ތެރޭގައި ގިނައީ އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން 2020 ވަނަ އަހަރު އަލަށް ހިދުމަތް ހޯދި މީހުންގެ ތެރެއިން 9.3 މިލިއަން މީހުންނަކީ އޭޝިއާގެ ގައުމުތަކުން ހިދުމަތަށް އެދި ހުށަހެޅި މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައިވެސް މާ ގިނަ ބަޔަކު ނެޓްފްލިކްސްއަށް އިޝްތިރާކު ދައްކާނެ ކަމަކަށް ނުބެލެވޭ ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި ނެޓްފްލިކްސްއަށް މުޅިން އަލަށް އިޝްތިރާކު ދައްކާނެ ކަމަށް ބެލެވެނީ އެންމެ 1 މިލިއަން ކަސްޓަމަރުން ކަމަށް ވަނީ ލަފާޚޮށްފައެވެ. މިއީ ކުރިން އަދާޒާ ކޮށްފައި އޮތް 5 މިލިއަން ކަސްޓަމަރުންނާ އަޅާ ބަލާއިރު، އިންތިހާއަށް ދަށް އަދަދެކެވެ.

ކަސްޓަމަރުން އިތުރުވާ މިންވަރު ދަށްވި ކަމުގައި ވީ ނަމަވެސް، ޖުމުލަ އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ޑޮލަރު ލިބުނު ކަމަށް ނެޓްފްލިކްސްއިން ވަނީ ރިޕޯޓް ކޮށްފައެވެ.