ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިން އުފައްދަން ބޭނުންވާ ރޯ މެޓީރިއަލްސް ނުވަތަ އަސާސީ ސާމާނު، އިންޑިއާއަށް ލިބެމުންދާނެ މަގު ތަނަވަސްކޮށްދިނުމަށް، ބޮޑު ގައުމުތަކުގެ ކިބައިން އެދިވަޑައިގަންނަވާފައި ވާނެ ކަމަށް، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މުޖުތަމައަށް ބޭނުންވާ ވެކްސިންގެ 60 ޕަސެންޓް އުފައްދަމުން އަންނަ އިންޑިއާ، ސިފަކުރަނީ "ދުނިޔޭގެ ބޭސް ފިހާރައިގެ" ގޮތުގައެވެ.

ޑރ ޖައިޝަންކަރު މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ، ވެކްސިން އުފައްދަން ބޭނުންވާ ރޯ މެޓީރިއަލްސް އިންޑިއާއަށް އެކްސްޕޯޓް ކުރުމަށް އެމެރިކާއިން ތަކުރާރު ކޮށް ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެކްސިން ފެސިލިޓީއެއް / ފޮޓޯ: ނިއުސް18

އެމެރިކާގެ ރިޔާސީ އިދާރާ ވައިޓްހައުސްގެ ތަރުޖަމާނު ޖެން ސާކީގެ އިތުރުން ރައީސް ޖޯ ބައިޑަންގެ ޗީފް މެޑިކަލް އެޑްވައިޒާ ޑރ ފައޫޗީއާ މިކަމުގައި ސުވާލު ކޮށްފައި ވާނެ ކަމަށާ، ނަމަވެސް ސީދާ ޖަވާބެއް ދެއްވާފައި ނުވާ ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ.

އޭޕްރިލް 20، 2021ގެ ނިޔަލަށް އިންޑިއާއިން 92 ގައުމަކާ އދގެ ސިއްހީ ހިދުމަތްތެރިންނާ ސުލްހަ ބަލަހައްޓާމިޝަންގެ މެންބަރުންނަށް 660.13 ލައްކަ ޑޯޒްގެ ކޮވިޑް ވެކްސިން ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރެއިން 106.15 ލައްކަ ޑޯޒްއަކީ ހަދިޔާގެ ގޮތުގައި ފޯރުކޮށްދިން ޑޯޒްތަކެއް ކަމަށް ވާއިރު، 357.92 ލައްކަ ޑޯޒްއަކީ ވިޔަފާރި އުސޫލުން ފޯރުކޮށްދިން ޑޯޒްތަކެވެ. އަދި ކޮވެކްސް ފެސިލިޓީގެ ތެރެއިން 192.06 ލައްކަ ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރަން ފެށި، އިންޑިއާގައި ވެކްސިން ޖަހަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އިންޑިއާއިން ވެކްސިން ފޯރުކޮށްދިން ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ. އަދި ބޫޓާންއެވެ.

ކޮވިޑް ވެކްސިން އުފައްދަން ބޭނުންވާ ރޯ މެޓީރިއަލްތަކަށް އެމެރިކާ ފަދަ ގައުމުތަކުން ހުރަސް އަޅަމުން ދިއުމުގެ ސަބަބުން، އިންޑިއާއިން މިވަގުތު ވަނީ ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލާފައެވެ.