ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަކީ އަސްލެއް ނެތް "ފުލޯކެއް" ކަމަށް ދައުވާ ކުރަމުން ދިޔަ ކޮންސްޕިރަސީ ތިއަރިސްޓް، ހާންސް ކްރިސްޓަން ގާޑާ، އެ ބަލީގައި މަރުވެއްޖެއެވެ.

ނޯވޭއަށް ނިސްބަތްވާ ކޮންސްޕިރަސީ ތިއަރިސްޓް، ހާންސް ކްރިސްޓަން ގާޑާއަށް ކޮވިޑް ޖެހި، އެ ބަލީގައި މަރުވީ، ނޯވޭގައި އޭނާ ދިރިއުޅެމުންދާ ގޭގައި، ގަވައިދާ ހިލާފަށް 2 ޕާޓީއެއް ބޭއްވުމަށް ފަހުގައެވެ.

މާޗް 26 އަދި މާޗް 27 ވަނަ ދުވަހު ޕާޓީ ކުރުމަށް ފަހު، ހާންސް ކްރިސްޓަން ގާޑާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އޭޕްރިލް 6 ވަނަ ދުވަހުއެވެ. އެ ޕާޓީތަކަށް ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، އެމީހުންގެ ފަރާތުން، އިތުރު މީހުންނަށްވެސް މިހާރު ވަނީ މި ބަލީ ފެތުރިފައެވެ.

ފުލުހުން ބުނީ، މި ޕާޓީތަކުގައި ބައިވެރިވީ ކިހާ އަދަދެއްގެ ބައެއްކަން އަދި ކޮން ބައެއްކަން ކަށަވަރު ނުވާ ކަމަށާ، ނަމަވެސް އެ ޕާޓީތަކަށް ދިޔަ އެންމެންވެސް ކޮވިޑަށް ޓެސްޓު ކުރުމަށް އެމީހުންނަށް ގޮވާލާ ކަމަށެވެ.

ހާންސް ކްރިސްޓަން ގާޑާ އަކީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، ކޮވިޑް-19ގެ އިތުރުން އެމެރިކާގެ ރިޔާސީ އިންތިހާބު 2020 އާ ގުޅިގެން އަސްލެއް ނެތް ވާހަކަ ފަތުރަމުން ދިޔަ ކަމަށް "މަޝްހޫރު" މީހެކެވެ.