2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެވަޑައިގެން، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަންމޯހަން ސިންހަށް، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ކޮވިޑްގެ އާލާސްކަންފުޅުގައި ޑރ މަންމޯހަން ސިންހް އެޑްމިޓް ކޮށްފައި ވަނީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް) ގައި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ވެރިރަށް ނިއުދިއްލީގައި އޮޕަރޭޓް ކުރާ އެންމެ މަތީ ފަންތީގެ ހޮސްޕިޓަލެކެވެ.

ޑރ މަންމޯހަން ސިންހް ކޮވިޑަށް ޓެސްޓު ކުރެއްވީ، ހުމުގެ އާލާސްކަންފުޅަކާ ގުޅިގެންނެވެ. ކޮވިޑަށް ޕޮޒިޓިވްވެވަޑައިގެންނެވިއުރު ޑރ މަންމޯހަން ސިންހް ވަނީ، ބަލިން ދިފާއުވެވަޑައިގަތުމަށް ވެކްސިންގެ 2 ޑޯޒްވެސް ފުރިހަމަ ކުރައްވާފައެވެ. ޑރ މަންމޯހަން ސިންހް، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ މާޗް 4، 2021 ވަނަ ދުވަހު ކަމަށް ވާއިރު ދެވަނަ ޑޯޒް ޖެއްސެވީ އޭޕްރިލް 3، 2021 ވަނަ ދުވަހުއެވެ.

އެއިމްސް ހޮސްޕިޓަލުގައި ޑރ މަންމޯހަން ސިންހް އެޑްމިޓް ކޮށްފައި ވަނީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ އިންޑިއާގައި ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ. އިއްޔެވެސް އިންޑިއާއިން ވަނީ ކޮވިޑްގެ 256947 ކޭސް ފެނުނު ކަމަށް ރެކޯޑް ކޮށްފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު މިހާރު 2 ވަނައަށް މި ބަލީގެ ނުރައްކާ އެންމެ ބޮޑު ގައުމަކީވެސް އިންޑިއާއެވެ.