ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ވެރިކަން ކުރަމުން އަންނަ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރަން ނިންމާފައިވާ ގޮތެއް ކަމަށް ވާތީ، މިކަމަށް ބަދަލެއް ގެނެވޭނީ އާއްމު ރައްޔިތުންގެ ވޯޓަކުން ކަަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް އެފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކޮށް، ބޮޑުވަޒީރުގެ މަގާމު ބޭނުންފުޅު ވާކަމަށް ދަންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް ސޯލިހަށް މެސެޖެއް ފޮނުވުމާ ގުޅިގެންނެވެ.

ރައީސް ސޯލިހަށް ފޮނުއްވި މެސެޖުގައި ނަޝީދު ހުށަހެޅުއްވަނީ، 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވާ، 2022 ގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރާށެވެ. އަދި ސަރުކާރު ވެސް އުވާލާށެވެ. އަދި މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އުވާލަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީގެ ވާހަކަ ދައްކަވާ ބޭފުޅެކެވެ. މިހާރުވެސް މަޖިލީހުގެ ދައުރު ފުޅާ ކޮށް، ސަރުކާރުގެ އެކިއެކި ކަންކަމާ ފުޅާ ދާއިރާއެއްގައި ފާޑު ވިދާޅުވަމުންވެސް ގެންދަވައެވެ. އަދި ސީދާ ސަރުކާރުން ބަސް ބުނަން ޖެހޭ ކަންކަމުގައިވެސް ރައީސް ނަޝީދު ބަސް ވިދާޅުވެފައި އެބަ ހުއްޓެވެ.