ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ކަނޑައެޅުއްވޭނެ ކަމެއް ނޫންކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެ ވާހަކަތަކަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވީ ވެރިކަމުގެ ނިޒާމު އުވާލާ އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންނަށް ކަމަށެވެ. އެއީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ އޮތް ނިންމުމެއް ކަމަށާ އެ ނިންމުން ރައްޔިތުންގެ ވޯޓަކަށް ނުގޮސް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ކުރިންވެސް ބޮޑުވަޒީރުކަން ބޭނުންފުޅު ވާކަމަށް ވިދާޅުވެ އެތައް ފަހަރަކު ވާހަކަ ދައްކަވާފައިވާ ނަޝީދު މިފަހަރު އެހެން ވިދާޅުވީ، ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައެވެ.

އެ މެޖެސުގައި ނަޝީދު ހުށަހެޅުއްވަނީ، 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވައި، 2022 ގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރާށެވެ. އަދި ސަރުކާރުވެސް އުވާލާށެވެ. އަދި މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އުވާލަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

ރައީސް ނަޝީދުގެ މިފަދަ މެސެޖެއް ރައީސް ސޯލިހަށް ފޮނުއްވި ނަމަވެސް ރައީސް ސޯލިހުގެ ފަރާތްޕުޅުން އެކަން ޔަގީން ކޮށްދީ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ރައީސް އޮފީހުގައި މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާ މެދު ވިސްނަވައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.