ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ އަވަށްޓެރި އިންޑިއާއިން މި ބައްޔަށް ދުވަލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ރޭޓު، 12 ދުވަހުގެ ތެރޭގައި 2 ގުނަ އިތުރުވެއްޖެއެވެ.
ދުވާލެއްގެ މައްޗަށް އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް، 12 ދުވަހުގެ ތެރޭގައި 8 ޕަސެންޓުން 16.7 ޕަސެންޓަށް ވަނީ އިތުރުވެފައެވެ. މިމަހުގެ 12 ވަނަ ދުވަހުން ފަށައިގެން އިންޑިއާއިން ކޭސް ރިޕޯޓް ކޮށްފައި ވާ ގޮތަށް ބަލާއިރު، އެއް ދުވަހަށް ވުރެ އަނެއް ދުވަހުގެ ކޭސް ނަމްބަރު އިތުރެވެ. އިންފެކްޝަން ރޭޓް އެންމެ މަތީގައި އުޅޭ ކަމަށް ދައްކަނީ ޗައްތީޝްގަރުގައެވެ. ޗައްތީޝްގަރުގައި އިންފެކްޝަން ރޭޓު އުޅެނީ 30.3 ޕަސެންޓުގައެވެ.
ފާއިތުވީ މަހެއްހާ ދުވަހަށް ބަލާއިރު، ހަފުތާއެއްގެ ތެރޭގައި އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ، 3 ޕަސެންޓުން 13.5 ޕަސެންޓަށް އިތުރުވެފައެވެ.
އޮފިޝަލުން ވިދާޅުވީ، ކޭސް ނަމްބަރު އިތުރުވީ ކަމުގައި ވީ ނަމަވެސް، ސްޓޭޓުތަކުން ކޮވިޑަށް ޓެސްޓު ކުރާ މިންވަރު، އެ ރޭޓުގައި އިތުރުވެފައި ނުވާ ކަމަށެވެ. ފާއިތުވީ 12 ވަރަކަށް ދުވަހަށް ބަލާއިރު، ދުވާލެއްގެ މައްޗަށް ހަދާފައި ވަނީ 11.73 ލައްކައާ 15.66 ލައްކަ ޓެސްޓެވެ.
މުޅި އިންޑިއާއަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ ކޭސްތައް ރެކޯޑް ކުރަނީ މަހާރާޝްތުރާ ސްޓޭޓުންނެވެ. އިންޑިއާގެ ކޭސްލޯޑް 18 ލައްކައަށް ވުރެ މައްޗަށް އަރާފައި ވާއިރު، 38 ޕަސެންޓް ހިއްސާ ކުރަނީ މަހާރާޝްތުރާއިންނެވެ.
އޭގެ ފަހަތުން އުއްތަރަ ޕްރަދޭޝްއެވެ. މީގެ އިތުރުން، ކަރުނާޓަކާ، ޗައްތީޝްގަރު އަދި ކެރަލާ، މަދްޔަ ޕްރަދޭޝް، ގުޖުރާތު، ޓެމިލް ނާޑޫ އަދި ރާޖަސްތާނުންވެސް ދަނީ ބޮޑެތި އަދަދުތަކުން އާ ކޭސްތައް ރިޕޯޓް ކުރަމުންނެވެ.
ކޮވިޑް ޖެހިގެން އިންޑިއާއިން މަރުވާ މީހުންގެ އަދަދުވެސް އިތުރު ވަމުން އަންނައިރު، މި ބަލިން ރަނގަޅުވާ މީހުންގެ ރޭޓު ދަނީ، މިހާރު އެ ގައުމަށް ކުރިމަތިލާން ޖެހިފައިވާ ދެވަނަ ރާޅުގައި ދަށްވަމުންކަން ފާހަގަ ކުރަން ޖެހެއެވެ.