ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކޮށް، ބޮޑުވަޒީރުގެ މަގާމު ބޭނުންފުޅު ވާކަމަށް ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

ކުރިންވެސް ބޮޑުވަޒީރުކަން ބޭނުންފުޅު ވާކަމަށް ވިދާޅުވެ އެތައް ފަހަރަކު ވާހަކަ ދައްކަވާފައިވާ ނަޝީދު މިފަހަރު އެހެން ވިދާޅުވީ، ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައެވެ.

އެ މެޖެސުގައި ނަޝީދު ހުށަހެޅުއްވަނީ، 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވައި، 2022 ގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލު ކުރާށެވެ. އަދި ސަރުކާރުވެސް އުވާލާށެވެ. އަދި މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އުވާލަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.

ރައީސް ނަޝީދުގެ މިފަދަ މެސެޖެއް ރައީސް ސޯލިހަށް ފޮނުއްވި ނަމަވެސް ރައީސް ސޯލިހުގެ ފަރާތްޕުޅުން އެކަން ޔަގީން ކޮށްދީ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީގެ ވާހަކަ ދައްކަވާ ބޭފުޅެކެވެ. މިހާރުވެސް މަޖިލީހުގެ ދައުރު ފުޅާ ކޮށް، ސަރުކާރުގެ އެކިއެކި ކަންކަމާ ފުޅާ ދާއިރާއެއްގައި ފާޑު ވިދާޅުވަމުންވެސް ގެންދަވައެވެ. އަދި ސީދާ ސަރުކާރުން ބަސް ބުނަން ޖެހޭ ކަންކަމުގައިވެސް ރައީސް ނަޝީދު ބަސް ވިދާޅުވެފައި އެބަ ހުއްޓެވެ.