މިދިޔަ އަހަރު ކޮވިޑް-19ގެ ކަންކަމުގައި ޑޮކްޓަރުން އަދާ ކުރި ރޯލު ފާހަގަކުރައްވައި، ޑޮކްޓަރުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޝުކުރު ދަންނަވައިފިއެވެ.

ގައުމީ ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ޑޮކްޓަރުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ. އަދި މިދިޔަ އަހަރު، ކޮވިޑްގެ ބަލިމަޑުކަމުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޑޮކްޓަރުން ކުރި މަސައްކަތް ފާހަގަކުރައްވައި، ރައީސް ވަނީ ޑޮކްޓަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިއަދު ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ރައްޔިތުންގެ ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޑޮކްޓަރުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރައްވާ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ފާއިތުވި އަހަރެއްހާ ދުވަހު ވަރުބަލިކަމެއް ނެތި ޑޮކްޓަރުން ވަނީ ރައްޔިތުންނަށް ހިދުމަތް ކޮށްފައެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ގައުމީ ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައެވެ.