މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މައްސަލާގައި ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މިއަދު އެ މީހުން ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު ހަމަވެ ތަހުގީގު ނިމިފައިވާތީ ކަމަށެވެ. އެގޮތުން އެމީހުންނާ ދެކޮޅަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 3 މީހުން ހައްޔަރުކުރީ މި މަހުގެ 15 ވަނަ ދުވަހެވެ. ހައްޔަރު ކުރީ 23 އަހަރާއި 24 އަހަރުގެ އިތުރުން، 36 އަހަރުގެ ފިރިހެނެކެވެ. އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތަރު ދުވަސް ޖެހިއެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑެއް ތަޅާލާފަވަނީ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު 18 ފޮއްޓެއްގެ ނަތީޖާ ކަށަވަރު ކުރުމަށް އެ ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރުމުން އިންތިހާބީ މަރުކަޒުގައި އިދިކޮޅު ޕީޕީއެމާއި އެމްޑީޕީގެ ބައެއް މެންބަރުން އެއްވުމުން ހިނގި ހަމަނުޖަހުންތަކަށް ފަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެދުވަހު އިންތިހާބީ މަރުކަޒަށް އެއްވެ އެތަނުގައި ގޯސް ހެދީ ޕީޕީއެމުން ކަމަށެވެ. އެދުވަހުގެ ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައި ވަނީ ފުލުހުން އެސަރަހައްދަށް ގޮސްގެންނެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެކަން ދޮގުކޮށްފައެވެ.