ކޮވިޑް ބަލިމަޑުކަމުން ފެތުރިފައިވާ ރަށްރަށުގެ ތެރެއިން އާބާދީގެ 5 ޕަސެންޓަށް ވުރެ މަތީގައި ޕޮޒިޓިވިޓީ ރޭޓް ހުރި ރަށްރަށް އިއުލާން ކުރަން ނިންމައިފިއެވެ.
ހެލްތް އެމްޖެންސީ އޮޕަރޭޝަންގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، ވެކްސިން ޖެހުމުން ލިބޭ ލުއިތަކުގެ ތެރޭގައި އެ ރަށެއްގެ އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ރަށްރަށަށް ކަރަންޓީން ނުވާ ގޮތަށް ދަތުރު ކުރެވޭނެއެވެ. ނަމަވެސް ބަލި ފެތުރިފައިވާ ރަށަކީ އާބަދީގެ 5 ޕަސެންޓަށް ވުރެ މަތިން ޕޮޒިޓިވި ވެފައިވާ ރޭޓް ހުރި ރަށަކަށް ވާނަމަ ދަތުރު ކުރާ މީހާ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ހުރި ނަމަވެސް ޕީސީއާރް ޓެސްޓު ހަދައި ނެގެޓިވް ނަތީޖާއަކާ އެކު މެނުވީ ދަތުރު ނުކުރެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެހެންކަމުން އެ ގޮތަށް އަމަލު ކުރަން ފެށުމުގެ ކުރިން އާބާދީގެ 5 ޕަސެންޓަށް ވުރެ ޕޮޒިޓިވިޓީ ރޭޓް މަތި ރަށްރަށް ހާމަކުރަން ނިންމާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މާދަމާ އެ ރަށްރަށް އިއުލާން ކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގެ ތެރެއިން އާބާދީގެ 60 ޕަސެންޓަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ރަށަކަސް ދަތުރު ކުރާ ހާލަތުގައި ވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހަކާއެކު ކުޑަކުއްޖަކު ދަތުރު ކުރާ ނަމަ އެ ކުއްޖާއަށް ދަތުރު ކުރެވޭނީ ޕީސީއާރް ނެގެޓިވް ރިސަލްޓަކާއެކު ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މި ލުއިތައް ތަންފީޒް ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިހާރު އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި އާބާދީގެ 60 ޕަސެންޓަން ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ދެވަނަ ޑޯޒް ވެކްސިން ޖެހުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒްއާއެކު ބޮޑު ލުޔެއް ދޭން ނިންމާފައި ވާއިރު، އިއްޔެގެ ނިޔަލަށް 278،069 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 35،294 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.