ކޮން ރަށެއްހޭ އަހާލުމުން "ފީވަށް" މިހިން ބުނުމުން މިއީ ރާއްޖޭގެ ރަށެއްކަންވެސް ނޭނގޭ މީހުން މަދެއް ނޫނެވެ. އުފަން ރަށަކީ ފީވަކޭ ބުނުމުން އެއީ އޮންނަ ރަށެއްތޯ އަހާ ސުވާލު ކުރެއެވެ. ކޮން އަތޮޅެއްތޯ އަހައެވެ. ސަމަސާ މިޒާޖަށް "ތީ ފީވެފަ އޮންނަ ރަށެއް ދޯ، ތި ރަށުގައި ހުންނަ ހުރިހާ އެއްޗެއްވެސް ހުންނާނީ ފީވެފަ ދޯ؟ މީހުންވެސް ތިބެނީ ފީވެފަތަ؟" ނާހާ މީހަކާ ދިމާ ނުވޭ ބުންޏަސް ދޮގަކަށް ނުވެއެވެ.

ށ އަތޮޅުގެ 1200 އެއްހާ މީހުން ދިރިއުޅޭ ފީވަކަކީ، ރަށް އުފެދުފުމުގައި ރާއްޖޭގެ ގިނަރަަށްތަކާ ތަފާތު ރަށެކެވެ. މެދަށްއަަޑިކޮށް ރަށުގެ ފެންފަށަލަ ތިލަ ޗަކަބިން ބޮޑު ރަށެކެވެ. ގުދުރަތީ ވަސީލަތުން ލިބޭ މޭވާއާ ތަރުކާރީ އިންތިހާ އަށް ގިނަ ރަށެކެވެ. ރުއްގަސް ގިނަކަމާއެކު ބޮޑު ކަނޑޫފަލެއް އޮވެއެވެ. ކަނޑުލުގެ ނިއުމަތުގެ އިތުރުން ރާއްޖޭގެ މަދު ރަށެއްގައި ލިބެން ހުންނަ ކުށްޅަވައްވެސް އެ ފަލުން ލިބެއެވެ. ކަށިކޭލާއި، ބަނބުކޭލާއި ފަތްކޭލުގެ ބާވަތަކާއި ފަލަމަޑީގެ ހުރިހާ ބާވަތެއް ލިބެން ހުރެއެވެ.

ށ. ފީވަކުގައި ހައްދާ ބައެއް ތަކެތި/ ފޮޓޯ: ދަ ޕްރެސް

ދަނޑުވެރިކަމުގެ ގޮތުން ފާހަގަ ކޮށްލެވޭ މި ރަށަކީ ދެފަހަރެއްގެ މަތިން ދަނޑުވެރިކަމުގެ ގައުމީ އިނާމުވެސް ހޯދާފައިވާ ރަށެކެވެ. ރަށުގެ އާބާދީއަށް ބަލާނަމަ 80 އިންސައްތަ މީހުންނަކީ ދަނޑުވެރިކަމުގައި އުޅޭ މީހުންނެވެ. ފީވަކުގައި ދަނޑުވެރިކަން ކުރާއިރު އެހެން ރަށްރަށާ ތަފާތުވާ މައިގަނޑު ސަބަބަކީ މި ރަށުގެ ދަނޑުވެރިކަމަކީ މޫސުމީ މަސައްކަތަކަށް ނުވާ ކަމެވެ. އަބަދުވެސް ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މި ރަށުގައި ދަނޑުތަކުގެ އިތުރުން ގޭގޭގައިވެސް ތަކެތި ހައްދާ އުޅެއެވެ.

ށ. ފީވަކުގައި ހައްދާ ބައެއް ތަކެތި

ހައްދާ ހުރިހާ ބާވަތެއްގެ ތެރެއިންވެސް ފީވަށް މަޝްހޫރުވެފައި ވަނީ ދޮންކެޔޮލުންނެވެ. އާންމުކޮށް މީހުން ކިޔާ އުޅޭނަމަ "ބަނާނާ އައިލެންޑް"ގެ ނަމުންނެވެ. ދޮންކެޔޮލަކީ ދޮން ނުވާއިރު ފަލަމަޑީގެ ގޮތުގައި ބޭނުންކުރާ، ދޮންވުމުން މޭވާއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ދޮންކޭލުގެ ބާވަތްތަކުގެ ތެރޭގައި ބޮންތިރަތްކެޔޮ، ސަންޕާކެޔޮ، ފުސްކެޔޮ، މާޅޮސްކެޔޮ، ބޮޑުކެޔޮ، އޮށިކެޔޮ، ރަތްކެޔޮ، ކަނދިލިކެޔޮ، ސުވާސާކެޔޮ، ފުސްމާޅޮސްކެޔޮ، ފަދަ ވައްތަރުތައް ހިމެނެއެވެ. މިހުރިހާ ވައްތަރެއްގެ ދޮންކެޔޮ ވެސް ފީވަކުގައި ހައްދާ އުޅެއެވެ.

ށ. ފީވަކުގެ ކެޔޮ ދަނޑެއް / ފޮޓޯ: ޒިދް ފޮޓޯސް

ކެޔޮ ދަނޑަކަށް ވަދެވިއްޖެނަމަ ނިކުންނަ ހިތް ނުވާ ކަމަށް ދަނޑުތައް ބަލަން ރަށަށް އަރާ ބައެއް ބީރައްޓެހިންގެ ފަރާތުން އިވެއެވެ. ކެޔޮ ގަސްތައް އިންދާފައި ހުންނަލެއް އެހާމެ ތަރުތީބެވެ. މި ރަށުގެ ވަލު އޮންނަ ސަރަހައްދުތަކަށް ބަލާ އިރު އެއްވެސް ދަނޑެއްގައި ހުއްޓި ހުންނަ އިރު ކެޔޮ ގަހަށް ވުރެ ގިނަ ގަސް ނުފެންނަ ހަމަ އެއްވެސް ހިސާބެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ށ. ފީވަކުގެ ކެޔޮ ދަނޑެއް / ފޮޓޯ: ޒިދް ފޮޓޯސް

ކެޔޮލަކީ ރާއްޖޭގައި އެންމެ އާންމު އެއް މޭވާއެވެ. ދޮންކޭލަކީ ރާއްޖެ ނިސްބަތްވާ އޭޝީއާ ސަރަހައްދަށް ހާއްސަ މޭވާއެކެވެ. ކެޔޮ އާންމު ގޮތެއްގައި ހެދޭކަމަށް ފާހަގަކުރެވިފައި ވަނީ އިރުމަތީ އޭޝިޔާ އާއި، ދެކުނު އޭޝިޔާގެ ގައުމުތަކުގައެވެ. ހާއްސަކޮށް އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން ފަދަ ގައުމު ތަކުގައި ކެޔޮ ހެދޭ މިންވަރު އިތުރުކަން ދަނޑުވެރިކަމާ ބެހޭ ހޯދުންތަކުން ހާމަވެއެވެ.

ފީވަކު ދޮންކެޔޮ / ފޮޓޯ: ދަ ޕްރެސް

ފީވަށް މަޝްހޫރުވެފައި ވަނީ ދޮންކެޔޮލަށް ނަމަވެސް މިއީ ހަމައެކަނި ދޮންކޭލަށް މަޝްހޫރު ރަށެއް ނޫނެވެ. ދޮންކެޔޮލާ އެއްވަރަށް އަނބަކީވެސް މި ރަށުގައި ތިޔާގި މޭވާއެކެވެ. އަނބު ގަހެއް ނެތިއްޔާ ފީވަކު ގެއެކޭ ނުބުނެވޭހާވެސް ތިޔާއްގެވެ. ކޮންމެ ގެ އެއްގައި މަދުވެގެން އަނބު ފީންޏެއް ހުރެއެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ދެން މި ރަށަށް އާންމުވި އަނެއް މޭވާއަކީ ޖަނބުރޯލެވެ. ފެއްސާއި ރަތް ކުލައިގެ މި މޭވާއަކީ ރާއްޖެއިން އާންމުކޮށް ލިބެން ހުންނަ މޭވާއެކެވެ. ގަހުން ބިނދެލައިގެން ތާޒާކަން މަތީ ކައިލެވޭ ގޮތަށް ހުންނަ މި މޭވާ އަކީ އަނގަ މީރުކޮށްލައި ފޫހި ފިލުވައިލުމަށްވެސް ގިނަ ބަޔަކު ކާ އެއްޗެކެވެ.

ފީވަކު ގަސްތަކުގައި އަޅާފައިވާ އަނބާއި ޖަނބުރޯލު / ފޮޓޯ: ދަ ޕްރެސް

އެތައް ވައްތަރެއްގެ މޭވާއާއި ތަރުކާރީގެ އިތުރުން ފަލަމަޑީގެ ބާވަތްތައް ހެދޭ ފީވަކަކީ ކަރާގެ ސަބަބުން ތޮއްޑުއަށް ލިބިފައިވާ ފަދަ މަޝްހޫރުކަމެއް ދޮންކެޔޮލުގެ ސަބަބުން ލިބިފައިވާ ރަށެކެވެ. އެހެން ރަށްރަށުގައި ކަރާ ނުވަތަ ދޮންކެޔޮ ހެއްދިޔަސް މި ދެރަށަށް އެ ގޮތުން އޮން މަޝްހޫރު ކަން ހަމަ އެގޮތުގައި އެބަ އޮތެވެ. ފީވަކު ދޮންކޭލުގެ ރަހައަކީވެސް ތަފާތު ރަހައެއް ކަމަށް ބައެއް މީހުން ބުނެއުޅެއެވެ. ތަފާތު އެތަަށް ވައްތަރެއްގެ ކޭލެއް ހެދޭ މި ރަށުގެ ދޮންކެޔޮލަކީ ނުކައި ދޫކޮށްލެވޭ ވަރުގެ އެއްޗެއްހެއްޔެވެ؟