ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އަވަށްޓެރި އިންޑިއާގެ ވެކްސިން މަޝްރޫއުގެ ދުވެލި ހަލުވި ކުރުމުގެ ގޮތުން، ބޭރު ގައުމުތަކުގައި އުފައްދާފައިވާ ވެކްސިން އިމްޕޯޓް ކޮށް ބޭނުން ކުރުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް، 3 ދުވަހެއްގެ ތެރޭގައި ހަމަޖެހިގެން ދާނެ ކަމަށް، އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ކުށްލި ހާލަތުގައި ބޭނުން ކުރުމަށް ވެކްސިނަކަށް ރުހުން ދޭތާ 3 ދުވަހުގެ ތެރޭގައި، އެ ވެކްސިނެއް އިމްޕޯޓްކޮށްގެން ބޭނުން ކުރުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް، ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްސީއޯ) އިން ކުރިއަށް ގެންދާނެ ކަމަށެވެ.

އިންޑިއާގެ ސަރުކާރުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލިސްޓު ކޮށްފައިވާ ވެކްސިންގެ އިތުރުން، އެމެރިކާ، އިނގިރޭސިވިލާތް އަދި ވިލާތުގެ އިއްތިހާދާ ޖަޕާނުގައި ބޭނުން ކުރުމަށް ރުހުން ދީފައިވާ ވެކްސިންތައް ބޭނުން ކުރުމުގެ ކުރިން، އިންޑިއާގެ އާބާދީގައި އެ ވެކްސިން ޓެސްޓު ކުރުމަށް އޮތް އޮތުންވެސް ބާތިލުކޮށްފައެވެ. ނަމަވެސް، އިންޑިއާގައި އެ ވެކްސިން ބޭނުން ކުރަން ފަށާ ހިސާބުން، ދިރާސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އިންޑިއާއިން ބޭރުގައި އުފައްދާ ކޮވިޑް ވެކްސިންތައް އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދައަކަށް އެދި ހުށަހަޅަން ޖެހޭނީ، ބޭރު ކުންފުނީގެ އިންޑިއާ ސަބްސިޑަރީއިން ކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާގެ ސަބްސިޑަރީއެއް ނެތް ނަމަ، ހުއްދަ ދޫކޮށްފައިވާ އޭޖެންޓަކަށްވެސް އެކަން ކުރެވިދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ ފާމަސީގެ ގޮތުގައި ސިފަކުރާ އިންޑިއާއަށްވެސް މިހާރު ވަނީ ކޮވިޑް ވެކްސިންގެ ސަޕްލައިގެ ދަތިތަކާ ކުރިމަތިވެފައެވެ. އަދި އިންޑިއާއިން ބޭރަށް ވެކްސިން އެކްސްޕޯޓް ކުރުންވެސް މިވަގުތު ވަނީ މަޑުޖައްސާލާފައެވެ.

މި ދަނޑިވަޅަކީ އިންޑިއާގައި އިންތިހާ ގަދައަށް ކޮވިޑް ފެތުރެމުން ދާ ދަނޑިވަޅަކަށް ވާއިރު، އެގައުމުން ދަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައްވެސް ވަރުގަދަ ކުރަމުންނެވެ.