ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމުން ކަރަންޓީން ވާކަށް ނުޖެހޭނެއެވެ.

މިކަން އިއުލާން ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ އެއް އަހަރު ކުރިން ރާއްޖެއިން ކޮވިޑްގެ ކޭސްއެއް ފެނުމާއެކު މާލެ ސިޓީ ލޮކްޑައުނަކަށް ދިޔަ ކަމަށެވެ. އަދި އޭރުއްސުރެ އާންމު ހާލަތަށް ރުޖޫއަ ވުމަށް ރައްޔިތުން އިންތިޒާރު ކުރަމުން ދާ ކަމަށެވެ. އެހެންކަމުން، ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރާތާ 2 ހަފްތާ ވުމަށް ފަހު، ކަރަންޓީނު ވުމަކާ ނުލާ ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށެވެ.

އެމަނިކުފާނު މި ޓްވީޓް ކުރައްވާފައި ވަނީ މީހަކު ރާޅާ އަޅާ މަންޒަރު ދައްކުވައިދޭ ހިންގައިމު ފޮޓޯއަކާ ވެސް އެކުގައެވެ.

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒްއާއެކު ބޮޑު ލުޔެއް ދޭން ނިންމާފައި ވާއިރު، އިއްޔެގެ ނިޔަލަށް 274،782 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 28،970 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.