ޝީންޖިއާންގް ޕްރޮވިންސްގައި ދިރިއުޅެމުން އަންނަ ވީގޫރު ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ހިންގަމުން އަންނަ ޖަރީމާތައް ކުށްވެރި ކުރުމަށް، އެމެރިކާއިން ދުނިޔެ އެކަތިގަނޑަކަށް ހަދަން ޖެހޭ ކަމަށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަން ވިދާޅުވެއްޖެއެވެ.

އެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި، ވީގޫރު ދަރިކޮޅުގެ މީހުންނަށް އޮތް ތާއީދު ތަކުރާރު ކުރައްވަމުން ބްލިންކަން ވިދާޅުވީ، ޝީންޖިއާންގްގައި ޗައިނާގެ ސަރުކާރުން ހިންގާފައިވާ އަދި ހިންގަމުން އަންނަ ޖަރީމާތައް އެއް އަޑަކުން ކުށްވެރި ކުރުމަށް، ދުނިޔެ އެކުގައި މަސައްކަތް ކުރުމަށް އެމެރިކާ ގާބިލުވާން ޖެހޭ ކަމަށެވެ.

މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ބްލިންކަން ވިދާޅުވީ، ވީގޫރު އާބާދީއަށް އިތުރު ފިއްތުންތައް ކުރިމަތި ކުރުމަށް ޗައިނާއަށް މަދަކަށް ވެދާނެ ފުރުސަތުތައް ފަހި ކޮށްދިނުން ފަދަ ކަންތައްތަކުން އެމެރިކާގެ ކުންފުނިތައް ދުރުވާން ޖެހޭ ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމަށް ބިނާ ކުރަނިވި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. ޗައިނާގެ ސަރުކާރުން ހުދުމުހުތާރު ޖަރީމާތައް ހިންގަމުންދާ ސަރަހައްދުގައި އުފައްދާ އުފެއްދުންތައް އެމެރިކާއަށް ނުފޯރާ ވޭތޯވެސް ކަށަވަރު ކުރަން ޖެހޭ ކަމަށް ބްލިންކަން ވިދާޅުވިއެވެ. މި އުސޫލުން ކަން ކުރުމުގައި އެމެރިކާގެ މަސްލަހަތު ހިމާޔަތް ވާނެ ކަން ކަށަވަރު ކުރުމަކީ، އެންމެ ރަނގަޅު ގޮތް ކަމަށްވެސް ބްލިންކަން ވަނީ ވިދާޅުވެފައެވެ.

ޝީންޖިއާންގްގައި ޗައިނާގެ ސަރުކާރުން ހިންގަމުންދަނީ ގަތުލުއާންމެއް ކަން ދޭހަވާފަދަ މޭރުމަކުންވެސް ބްލިންކަން ވަނީ ވާހަކަދައްކަވާފައެވެ.

ވީގޫރު ދަރިކޮޅުގެ މުސްލިމުން ހައްޔަރުކޮށްގެން ޝީންޖިއާންގްގެ ކޭމްޕުތަކުގައި ލާއިންސާނީ އަނިޔާ ދޭ ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ތުހުމަތުތައް ފެންމަތިކޮށް، ހަރު އަޑުން އެކަން ކުށްވެރި ކުރަމުން އަންނައިރު، ޗައިނާއިން ދަނީ، މި ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ. މިއީ ޗައިނާގެ ދާހިލީ މައްސަލައެއް ކަމަށް ބުނެ، ޗައިނާއިން ދަނީ އެކަމާ އެހެން ގައުމުތަކާ ބާރުތަކުން "ނުބެހުމަށް"ވެސް އިންޒާރު ކުރަމުންނެވެ.