ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 2 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމު ކޮށްފައި ވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 200739 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ ކޮވިޑްގެ ބަލިމަޑުކަން ފެށުނު ފަހުން އިންޑިއާއިން އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރި ދުވަސްވެސްމެއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 1038 މީހަކު ވަނީ، ކޮވިޑް ޖެހިގެން މަރުވެފައެވެ. މިއާއެކު އިންޑިއާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 173123 އަށް ވަނީ އަރާފައެވެ.

އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، މިހާރު 2 ވަނައަށް އެންމެ މަސްރަހު ގޯސް ގައުމެވެ. އިންޑިއާގެ ކޭސް ލޯޑް ވަނީ 14.1 މިލިއަނަށް އަރާފައެވެ.

ރެކޯޑް އަދަދަކުން އިންޑިއާއިން ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައި ވާއިރު، އެއްދުވަހަށް ވުރެ އަނެއް ދުވަސް، ކޭސް އިތުރު ވަމުން އަންނަތާ މިއީ ވިދިވިދިގެން 8 ވަނަ ދުވަހެވެ. އިންޑިއާގެ ސްޓޭޓްތަކަށް ބަލާއިރު، އަދިވެސް މަސްރަހު އެންމެ ގޯހީ އިގުތިސޯދީ ހަބްގެ ގޮތުގައި ސިފަކުރަމުން އަންނަ މަހާރާޝްތުރާ ސްޓޭޓްގައެވެ. އިންޑިއާގެ ޖުމުލަ ކޭސްތަކުގެ 4 ބައިކުޅަ 1 ބައި ހިއްސާކުރާނީވެސް މި ސްޓޭޓުންނެވެ.

ކޮވިޑް ޕޭޝަންޓުންނަށް ފަރުވާދޭ ހޮސްޕިޓަލުތަކުން މިހާރު ދަނީ، އެނދުގެ ޖާގައިގެ ދަތިކަމާ އޮކްސިޖަން ސަޕްލައި ދަތިވަމުން އަންނަ ކަމަށް ރިޕޯޓް ކުރަމުންނެވެ. ހޮސްޕިޓަލުތަކުން ޖާގަ ނުލިބި، އެމްބިއުލާންސް ކިއު ދިގު ވަމުން އަންނަ ކަމަށްވެސް ހަބަރު ލިބެއެވެ.

އިންޑިއާ ސަރުކާރުން ބުނީ، ފާއިތުވީ 2 ދުވަހުވެސް، އެ ގައުމަށް ލިބިފައިވާ ފުލް ކެޕޭސިޓީގައި އޮކްސިޖަން އުފައްދާފައި ވާ ކަމަށާ، އޮކްސިޖަން އުފައްދާ މިންވަރު އިތުރު ކޮށްފައި ވާ ކަމަށެވެ.

ދާދި ފަހުން އިންޑިއާގައި ކުރިއަށް ގެންދިޔަ ސަރަހައްދީ އިންތިހާބާ، ދީނީ އެއްވުންތަކުގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރު ވަމުން ދާނެ ކަމަށް ލަފާ ކުރެވެއެވެ.

އިންޑިއާއިން ދަނީ ކޮވިޑް-19ގެ ވެކްސިން ކެމްޕޭންވެސް ހިންގަމުންނެވެ. މިހާތަނަށް 111 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައި ވާއިރު، 13 މިލިއަން ޑޯޒްއަކީ ދެވަނަ ޑޯޒްގެ ގޮތުގައި ޖެހި ވެކްސިން ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.