ކޮވިޑް ވެކްސިން ޖެހުމަށް ދާ މީހުންގެ ކިއު ދިގުވާތީ މާލޭ ސަރަހައްދުގައި ވެކްސިން ޖަހައި ދިނުމަށް ކަނޑައަޅާފައިވާ ވަގުތު އިތުރު ކުރަން ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ، އެގޮތަށް ވަގުތު އިތުރު ކުރަން ނިންމީ ކޮވިޑް ވެކްސިން ޖަހަން ދާ މީހުން އިތުރުވެ ކިއު ދިގުވަމުން ދާތީ ކަމަށެވެ. އެ ގޮތުން މިހާރު ވެކްސިން ޖަހައިދެމުން ދަނީ ރޭގަނޑު 9:00 އިން ފެށިގެން 11:45 އާ ދެމެދު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރޯދަ މަސް ފެށުމާއެކު ކޮވިޑް ވެކްސިން ޖަހައިދެމުންދަނީ ރޭގަނޑުގެ ވަގުތުގައެވެ. އޭރު ނިންމާފައި ވަނީ ރޭގަނޑު 9:00 އިން 11:00 އަށް ރޯދަ މަހު ވެކްސިން ޖަހައިދޭ ގޮތަށެވެ. ނަމަވެސް މި ބަދަލު ގެނެސްފަައި ވަނީ ވެކްސިން ޖަހަން ދާ މީހންގެ ކިއު ދިގުވުމާ އެކުއެވެ.

އެގޮތުން ރޭ ވެކްސިން ކިއު ހުޅުވާ ނުލަނީސް، އިޝާ ނަމާދަށް ފަހު ގިނަ ބަޔަކު ވަނީ ކިއު ހަދަން ފަށާފައެވެ. ރޭ ހުރިހާ މަރުކަޒެއްގައި ދިގު ކިއުތައް އޮތް އިރު ހާއްސަކޮށް ސޯޝަލް ސެންޓަރަށް ވެކްސިން ޖެހުމަށް ގޮސް ތިބި މީހުންގެ ކިއު ދިގުކަން ފާހަގަ ކުރެވެއެވެ. އެ ކިއު ހިރިޔާ ސްކޫލާ ހަމައަށް ވަނީ ގޮސްފައެވެ.

ވެކްސިން ޖެހުމަށް ކިއު ހަދާފައި / ފޮޓޯ: ދަ ޕްރެސް

ރޯދަ މަހު ޖުމްލަ 7 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ހިދުމަތް ދޭނެއެވެ. އެގޮތުން ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ޖަހައިދޭނީ ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލެރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލޭ ވެކްސިން ސެންޓަރު، އަދި ވިލިމާލޭ ވެކްސިން ސެންޓަރާއި ސެނަހިޔާ ހޮސްޕިޓަލުންނެވެ. އަދި ސިނޯފާމްގެ ފުރަތަމަ ޑޯޒު ޖަހައި ދޭނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި އޮތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ހުޅުމާލެ ހޮސްޕިޓަލް އަދި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒާ ވެކްސިން ޖަހަން ފަށާފައި ވާއިރު އެ ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ފައިޒާ ވެކްސިންގެ ޖެހުމަށް ހަމަޖެހިފައި ވަނީ 16 އަދި 17 އަހަރުގެ ކުދިންގެ އިތުރުން 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައި ވާ ހާއްސަ ހާލަތްތަކުގައި ވާ ފަރާތްތަކަށް ވެސް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.