ރާއްޖޭގެ މުޅި އާބާދީއަށް ކޮވިޑް-19ގެ ވެކްސިން ދީ ނިމުމަށް ފަހު ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބޭރުގެ މީޑިއާއެއް ކަމަށްވާ ސީއެންބީސީ އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ގެއްލުމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާއިރު، ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖަައްސާފައިވާ ކަމަށެވެ.

އެގޮތުން "ތްރީ ވީ" ސްޓްރެޓަޖީގެ ދަށުން "ވިޒިޓް، ވެކްސިނޭޓް އެންޑް ވެކޭޝަން" އާ އެކު ފަތުރުވެރިންނަށް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ރާއްޖެއިން ވެކްސިން ޖެހޭނެ އިންތިޒާމުވެސް ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ "ތްރީ ވީ" ސްޓްރެޓަޖީގެ ދަށުން ޓޫރިސްޓުންނަށް ވެކްސިން ދޭން ފަށާ ޕްރޮގްރާމާއެކު ކުރިއަށްދާނީ ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިންގެ ދެ ޑޯޒް ދީ ނިމުމުން ކަމަށެވެ.

ވެކްސިން ލިބުމުގައި ދަތިތަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށައި ފަތުރުވެރިންނަށް ދޭ ވެކްސިނަށް ޗާޖު ކުރާނީ އެމީހުން ކަމަށާއި އެއީ ވެސް މައްސަލައަކަށް ވާނެ ކަމަށް ދެކިނުލައްވާ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް އާބާދީގެ 53 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.