މީގެ ދެ އަހަރު ދުވަސް ކުރިން، ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ މިސްކިތްތަކަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތަކެއްދީ، ގިނަ ބައެއްގެ ފުރާނަ ދުއްވާލު އޮސްޓްރޭލިއާގެ ގައިދީ، ބްރެންޓަން ޓެރަންޓް، ނިއުޒީލަންޑްގެ ސަރުކާރާ ދެކޮޅަށް ގާނޫނީ ދައުވާ އުފުލުމަށް ރާވަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

ޓެރަންޓް ވަނީ، އޭނާ ބަންދުގައި ބަހައްޓަފައި ހުންނަ ޖަލުގެ ހާލަތާ މެދު ހިތްހަމަ ނުޖެހޭ ކަން ހާމަކޮށްފައެވެ. އަދި ކަންކަން ނިންމާފައި ވަނީ އެންމެ އެކަށީގެންވާ ގޮތުގައިތޯ ނުވަތަ ގާނޫނީ އިމުން ބޭރުންތޯ ބެލުމަށް، ޝަރުއީ މުރާޖާއެއް ކުރުމަށްވެސް ޓެރަންޓް ވަނީ ހުށަހަޅާފައެވެ.

ޓެރަންޓްގެ މައްސަލާގައި، އޯކްލަންޑްގައި މިއަދު އަޑު އެހުމެއް ކުރިއަށް ގެންދާއިރު، ޝަރީއަތުގެ މަޖިލީހުގައި އޭނާ ތަމްސީލު ކުރާނީ އަމިއްލައަށް ކަމަށް ވަނީ ނިންމާފައެވެ. ނަމަވެސް މި ޝަރީއަތުގެ މަޖިލީސް، މީޑިއާއަށް ހުޅުވާ ނުލާނެ ކަން، ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މާޗް 15، 2019 ވީ ހުކުރު ދުވަހު ނިއުޒީލަންޑްގެ މިސްކިތްތަކަށް ހަމަލާދީ 51 މީހުން މަރާލި ބްރެންޓަން ޓެރަންޓް/ފޮޓޯ: ސްކައިނިއުސް

ޓެރަންޓް، އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނީ، 51 މީހެއް މަރާލި މައްސަލައިގެ އިތުރުން، ޓެރަރިޒަމްގެ ދައުވާއެއްގައެވެ. އަދި އަލަށް ކުރިމަތިވާ ގާނޫނީ ގޮންޖެހުމަކީ، ޓެރަންޓްގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމަށް އަސަރު ފޯރުވާނެ ކަމެއް ނޫން ކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ސާފު ކޮށްދީފައެވެ.

ނިއުޒީލަންޑްގެ ކްރައިސްޓްޗާޗްގެ މިސްކިތްތަކަކަށް އަމާޒުކޮށް، މާޗް 15، 2019 ވަނަ ދުވަހު ބަޑީގެ ހަމަލާތަކެއް ދީ، 51 މީހެއްގެ ފުރާނަ ދުއްވާލި އޮސްޓްރޭލިއާގެ ބްރެންޓަން ޓެރަންޓްގެ މައްޗަށް، ކަފާލާތާ ނުލާ އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ.

އުމުރުން 29 އަހަރުގެ ޓެރަންޓް ވަނީ، 51 މީހަކު މަރާލާ، އިތުރު 40 މީހަކު މަރަން މަސައްކަތް ކުރި ކަމުގެ އިތުރުން ޓެރަރިޒަމްގެ ދައުވާއަށްވެސް އިއުތިރާފުވެފައެވެ.