މީ އެމެރިކާއިން މިހާތަނަށް ކުރި އެންމެ ދިގު އަދި އެންމެ ނާކާމިޔާބު އެއް ހަނގުރާމަ ނިމުމަކަށް ގެނެސް، ޝަރުތަކާ ނުލާ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ބާލަންވީ ވަގުތު ކަމަށް، މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

"ތާއަބަދުގެ ހަނގުރާމަ" ކަމަށް ސިފަކުރަމުން އަންނަ އަފްޣާނިސްތާނު ހަނގުރާމަ ފެށުނީ، ސެޕްޓެންބަރު 11، 2001 ވަނަ ދުވަހު އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެކަމުގެ ރައްދެއްގެ ގޮތުގައެވެ. އެމެރިކާއިން ހަނގުރާމަ ފެށީ ތޯލިބާނުންނާ ދެކޮޅަށެވެ.

އެމެރިކާއިން އަފްޣާނިސްތާނުގައި ކުރަމުން އަންނަ ހަނގުރާމައަށް 20 އަހަރު ވީއިރު، އެމެރިކާގެ އަސްކަރިއްޔާގެ 2400 ސިފައިންގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި އަފްޣާނިސްތާނުން އެތައް ހާސް މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ބައިޑަން ވިދާޅުވީ އޭނައަކީ އަފްޣާނިސްތާނު ހަނގުރާމާގައި އެމެރިކާ ދުށް 4 ވަނަ ރައީސް ކަމަށާ، 5 ވަނަ ރައީސަކަށް އެކަން ވާރުތަ ނުކުރައްވާނެ ކަމަށެވެ.

ބައިޑަން ވަނީ، މި އަހަރުގެ ސެޕްޓެންބަރު 11 ވަނަ ދުވަހަކީ، އަފްޣާނިސްތާނުގައި ހުރި އެމެރިކާ އަސްކަރިއްޔާގެ އެންމެ ފަހު މީހާ އެ ގައުމުން ފައިބާނެ ދުވަސް ކަމުގައި ސުންގަޑި ކަނޑައަޅުއްވާފައެވެ.

އެމެރިކާގެ އަފްޣާން ހަނގުރާމައިން މާ ބޮޑު ކާމިޔާބީތަކެއް ހާސިލެއް ނުވެއެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ އަފްޣާނިސްތާނުގެ މައި ސަރުކާރުން ކޮންޓްރޯލް ކުރަނީ ގައުމުގެ ބައެއް ސަރަހައްދުތަކެވެ. ތޯލިބާނުންގެ ބާރު އަދިވެސް ދަނީ އެކި ސަރަހައްދުތަކަށް ގަދަ ކުރަމުންނެވެ. އެމެރިކާގެ ކުޑައިގެ ހިޔަލުން ސަރުކާރު ނެއްޓުމާއެކު، ތޯލިބާނުންގެ ބާރު، އިންތިހާއަށް ފެތުރިގެންދާނެ ކަމަށް ބެލެވެއެވެ.

އަފްޣާނިސްތާނުގައި މިހާރު ހަރަކަތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެ ގައުމުން ބޭލުމުގެ މަސައްކަތް، އަންނަ މަހު ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާއިރު، އެމެރިކާ އަސްކަރިއްޔާގެ 100000 އެއްހާ ސިފައިން އަފްޣާނިސްތާނުގައި ތިއްބެވެ. ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގެ ނިމުމާ ހިސާބަށް އައި އިރު، މި އަދަދު ވަނީ 2500 އަށް ދަށްކޮށްފައެވެ.