އިސްރާއީލުގެ ހުދުމުހުތާރު ބާރުތަކުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި، އިސްރާއިލުގެ ސަލާމަތީ ބާރުތަކުން ރޭގަނޑުގެ ވަގުތުތަކުގައި ހިންގި ރެއިޑްތަކެއްގައި، ފަލަސްތީނުގެ 25 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް، ޕަލަސްޓީނިއަން ޕްރިޒަނާ ސޮސައިޓީ (ޕީޕީއެސް) އިން ބުނެފިއެވެ.

އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހައްޔަރު ކުރި މީހުންގެ ތެރޭގައި، ހުޅަނގު އައްސޭރި ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ އިސް މެންބަރުން ހިމެނޭ ކަމަށް ހަބަރު ލިބެއެވެ. އަދި ކުރީގެ ގައިދީއެއް ކަމަށްވާ މޫނާ ގަދާންވެސް ހައްޔަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މޫނާގެ އަހެއް ކަމަށްވާ މަހްމޫދު ގަދާން ބުނި ގޮތުގައި މޫނާ ހައްޔަރު ކޮށްފައި ވަނީ، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން، އަރައްބާ އަވަށުގައި ހިންގި އޮޕަރޭޝަންގައި، ފަތިހުގެ ވަގުތުގައި، މޫނާގެ ގެ ރެއިޑް ކޮށްގެންނެވެ. މޫނާއަކީ މީގެ ކުރިން 5 ފަހަރެއްގެ މަތިން ހައްޔަރު ކޮށްފައި ވާ މީހެކެވެ. 40 މަސް ދުވަހުގެ ބަންދަކަށް ފަހު އޭނާ އެންމެ ފަހުން މިނިވަންވީ 2016 ވަނަ އަހަރު ކަމަށް މަހްމޫދު ބުނެއެވެ.

ހިބްރޫންގެ މަސްދަރަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ހައްޔަރު ކުރި މީހުންގެ ތެރޭގައި ހަމާސްގެ މެންބަރު މުސްތޮފާ ޝާވިރު، ފަލަސްތީނުގެ ގާނޫނު ހަދާ ކައުންސިލް މެންބަރު އުމަރު އަލް-ގަވަސްމީ އަދި އަނަސް ރަސްރަސް ހިމެނެއެވެ.

ހަމާސް ޖަމާއަތުން ސިފަކުރާ ގޮތުގައި މިފަހަކަށް އައިސް އެ ޖަމާއަތުގެ ލީޑަރުންނާ މެންބަރުން ހައްޔަރު ކުރަމުން ދަނީ، ކުރިއަށް އޮތް އިންތިހާބަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

ފަލަސްތީނުން ވަނީ، ގާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން، އަންނަ މެއި މަހުގެ 22 ވަނަ ދުވަހަށް ތާވަލު ކޮށްފައެވެ. ހަމާސް ޖަމާއަތުން އިންތިހާބުގައި ވާދަ ކުރާ 3 ކެންޑިޑޭޓެއް، މިހާތަމަށް ހައްޔަރު ކޮށްފައި ވާ ކަމަށް މައުލުމާތު ލިބެއެވެ.

2006 ވަނަ އަހަރުގެ އިންތިހާބާ ދިމާކޮށް، އިސްރާއީލުން ހަމާސްގެ 560 އަށް ވުރެ ގިނަ ލީޑަރުންނާ މެންބަރުން ހައްޔަރު ކުރި ކަމަށް، ފަލަސްތީނުގެ އިންސާނީ ހައްގުތަކުގެ މަސްރަހު ދިރާސާ ކުރާ، ގައިދީންނާ ބެހޭ ތަޖުރިބާކާރު، ފުއާދު އަލް-ހުއްފާޝް ވަނީ ވިދާޅުވެފައެވެ.