ބަރަކާތްތެރި ރަމަޟާން މަސް އުނގަންނައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ދަތިކަމާއި ނިކަމެތިކަމުގައި ދިރިއުޅޭ އެހެން އިންސާނުންގެ ހާލަތު އިޙްސާސްކޮށް، އަނެކުންނަށް އެހީތެރިވެ އޯގާތެރިވުމުގެ ރޫހު އަށަގެންނެވުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

1442 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ ދުނިޔޭގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މުޅި ދުނިޔެ، އެއް ގައުމު އަނެއް ގައުމަށް، އެހީތެރިވެ އެއްބާރުލުމުގެ ރިވެތި ނަމޫނާއެއް ދައްކަމުން އަންނަ މިފަދަ ދުވަސްވަރަކާއި، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އިއްތިފާޤގުވެގެން އައުމަކީ، ރާއްޖެ ފަދަ އިސްލާމީ މުޖްތަމައު އަކަށް ނުހަނު ގިނަ ކަންކަން ހަނދާންކޮށްދީ، އެތައް އިބްރަތްތަކެއް ލިބިދޭނެ ކަމެއް ކަމުގައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބުރޫ އަރައި، އިގްތިސޯދަށް ލޮޅުން އަރައި، ފަރުދުންގެ ފުދުންތެރިކަން ދަށްވެފައިވީ ނަމަވެސް، ދިވެހިންގެ އީމާންތެރިކަމާއި އިސްލާމީ އެއްބަނޑުއެއްބަފާކަމުގެ ވަރުގަދަ ގުޅުމުގެ ސަބަބުން، މިބަލިމަޑުކަމުގެ ތެރޭގައިވެސް، ދިވެހިންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުމުގެ ރޫހު އިތުރަށް އާލާވެއްޖެ ކަމަށެވެ.

އެ ހިތޯބުގައި ރައީސް ވަނީ މި ބަރަކާތްތެރި މޫސުމުގެ މަންފާ އެންމެ ހެޔޮ ގޮތުގައި ހާސިލުކުރުމަށްޓަކައި، ރޯދައިގެ އަޅުކަން ފުރިހަމަކޮށް، ގިނަގިނައިން ގުރްއާން ކިޔަވައި، ރޭއަޅުކަންކޮށް، ސަދަގާތް ދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މި ހިތޯބުގައި، ރައީސް ވަނީ ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ރަމަޟާންމަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި އަހުންނާއި އުހުތުންނަށްވެސް، މި ބަރަކާތްތެރި މައްސަރުގެ އިހްލާސްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.