ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް އެއްވެސް ކަހަލަ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފައި ނޯންނާނެ ކަމަށާއި އަދި އެފަދަ އެއްބަސްވުމެއްގައި ސަރުކާރުން ސޮއި ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.
ރައީސް އެހެން ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިހާތަނަށް މިފަދަ އެކި ކަހަލަ އެއްބަސްވުންތަކުގައި އެކި ސަރުކާރުތަކުން ސޮއި ކޮށްފައި ވީ ނަމަވެސް އެފަދަ އެއްބަސްވުންތަކަކީ ހާމަކޮށްފައިވާ އެއްބަސްވުންތަކެއް ނޫން ކަމަށެވެ. ނަމަވެސް އުތުރުތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން އުފެދިގެން އައި ކަންބޮޑުވުމާ ގުޅިގެން މަޖިލީހަށާއި ކަމާބެހޭ އެހެނިހެން އިދާރާތަކަށް އެ އެގްރީމަންޓާ ގުޅޭ ގޮތުން ދެވެން ހުރި މައުލޫމާތުތައް މިހާރުވެސް ސަރުކާރުން ހާމަކުރަމުން ދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގައި ގާއިމުކުރާ ބަނދަރުގެ އެއްބަސްވުމުގައި ސޮއި ކުރި ހިސާބުން ވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔާފައެވެ. އެ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އެ އެއްބަސްވުމާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި އެ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ އުމަރު ނަސީރު ވަނީ ލިޔުމެއް ލީކް ވެސް ކޮށްލައްވާފައެވެ.
ރާއްޖޭއާއި އިންޑިއާއެކު ވީ އެ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތަރައްގީ ކުރާނީ ޒަމާނީ، ނޭވަލް ބަދަރެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ މަޝްރޫއު ބަހާލާފައި ވަނީ ދެ މަރުހަލާ އަކަށެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން ވަނީ އެއްބަސް ވެފައެވެ. އެއަށް ފަހު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި އިންޑިއާއިން ލިބޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި އަދި އިންޑިއާއިން ރާއްޖެއަށް ވެދޭ އެހީތެރިކަމާ ގުޅިގެން އަބަދު ވެސް އިދިކޮޅު ކޯލިޝަނުންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. މިކަންކަން މިހެން އޮތް އިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރުމަށާއި ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ-228 މަރުކާގެ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކަރާ ދެމެދު ވެވިފައިވާ އެއްބަސްވުން ހާމަ ކުރުމަށް ގޮވާލާ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.
މި މައްސަލަ ހޫނުވުމާ އެކު ޑިފެންސް މިނިސްޓްރީން ވަނީ އުތުރު ތިލަފަޅުގެ ބަނދަރު ހެދުމަށް ވީ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ ދައުރުވި ލިޔެކިޔުންތަކަކީ ސައްހަ ލިޔުންތަކެއް ނޫން ކަަމަށް ބުނެފައެވެ.