ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޖަހަން ޝަރުތު ހަމަވާ އާބާދީގެ 85 ޕަސެންޓް މީހުންނަށް، ރެކޯޑް ހަލުވި މިނުގައި ވެކްސިން ޖަހައިގެން ބޫޓާންއިން އަނެއްކާވެސް ރެކޯޑް ހަދައިފިއެވެ.

ބޫޓާންއަކީ ވެކްސިން މަޝްރޫއު ފަށާފައި ވާ ގައުމުތަކަށް ބަލާއިރު 85 ޕަސެންޓަށް، ދުނިޔޭގެ ނިސްބަތުންވެސް އެންމެ ހަލުވި ދުވެލީގައި ވެކްސިން ޖެހި ގައުމު ކަމަށް ހަބަރު ލިބެއެވެ. ވެކްސިން ޖަހަން ޝަރުތު ހަމަވާ އާބާދީގެ 85 ޕަސެންޓް މީހުންނަށް ބޫޓާންއިން ފުރަތަމަ ޑޯޒް ޖެހީ އެންމެ 16 ދުވަހުގެ ތެރޭގައެވެ.

ދި އިކޮނޮމިސްޓުން އެކުލަވާލާފައިވާ ރިޕޯޓަކަށް ބަލާއިރު، އާބާދީގެ ހަރު އުމުރުގެ މީހުންގެ ބޮޑު ޕަސެންޓަކަށް ވެކްސިން ދިނުމުގެ ރެކޯޑް، އިސްރާއީލާއި ސީޝެލްސްއަށް އޮތް ނަމަވެސް، އެ މަންޒިލްތަކަށް އެކަން ކުރެވުނީ އެތައް މަހަކުން ކަން ފާހަގަ ކުރަން ޖެހެއެވެ.

އޭޝިއާގެ އެންމެ ބަރުގަދަ 2 ބާރުގެ މެދުގައި އޮތް، 8 ލައްކައެއްހާ މީހުންގެ އާބާދީ އޮތް ބޫޓާންގެ ޖުމުލަ އާބާދީގެ 62 ޕަސެންޓް މީހުންނަށް މިހާރު ވެކްސިން ޖަހާފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

ބޫޓާންގެ ކޮވިޑް ވެކްސިން ކެމްޕޭންގެ ތެރެއިން އެންމެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ، އުމުރުން 30 އަހަރުގެ އަންހެނެކެވެ. އެއީ ބޫޓާންގެ ދީނީ އަދި ބޯދާ ގަބޫލު ކުރުންތަކެއްގެ ތެރެއިން އިހުތިޔާރު ކުރި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސީރަމް އިންސްޓިޓިއުޓްއިން ބޫޓާންއަށް 150000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ހަދިޔާ ކުރީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް، އިތުރު 4 ލައްކަ ޑޯޒް ލިބި، ވެކްސިން މަޝްރޫއެއް އެއް ވާނެއްގައި ކުރިއަށް ގެންދެވެންދެން ބޫޓާން އިން ވެކްސިން މަޝްރޫއު ނުފަށާ މަޑު ޖައްސާލިއެވެ. ބޫޓާންއިން ވެކްސިން މަޝްރޫއު ފެށީ މާޗް 27، 2021 ގައެވެ.

ފަރުބަދަ މަތީގެ ހިތްގައިމުކަން ލިބިފައިވާ ބޫޓާންއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއާށް ބަރޯސާވެފައި އޮތް ގައުމެކެވެ.