ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ރެކޯޑް އަދަދުގެ ކޭސްތަކާއެކު، މި ބަލީގެ ނުރައްކާ 2 ވަނައަށް އެންމެ ބޮޑު ގައުމަކަށް އެ ގައުމު ވެއްޖެއެވެ.

ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ކޮވިޑް-19ގެ 168912 ކޭސް ވަނީ ފެނިފައެވެ. މިއާއެކު މުޅި ދުނިޔޭގެ ނިސްބަތުން 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރި ގައުމަކަށް އިންޑިއާ މިވަނީ ވެފައެވެ. ކުރިން 2 ވަނާގައި އޮތީ އެމެރިކާގެ ފަހަތުން ބްރެޒީލްއެވެ. އިންޑިއާއިން ރެކޯޑް ކުރި ކޮވިޑް ކޭސްތަކުގެ ޖުމުލަ އަދަދު މިހާރު ވަނީ 13527717 އަށް އަރާފައެވެ.

މަރުގެ ކޭސްތަކަށް ބަލާއިރުވެސް ފާއިތުވީ 24 ގަޑިއިރަކީ މިއަހަރު ތެރޭ އިންޑިއާއިން އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސް ރެކޯޑް ކުރި ދުވަސް ކަން ފާހަގަ ކުރަން ޖެހެއެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ވަނީ، ކޮވިޑް ޖެހިގެން 904 މީހުން މަރުވި ކަމަށް ރިޕޯޓް ކޮށްފައެވެ. މިއާއެކު އިންޑިއާއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 170209 އަށް ވަނީ އަރާފައެވެ.

އިންޑިއާގެ އެތެރޭގެ މަސްރަހަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ކޭސް ހިއްސާ ކުރަނީ މަހާރާޝްތުރާ ސްޓޭޓުންނެވެ. އެ ސްޓޭޓުން މުޅިން އަލަށް 63000 ކޭސް އެއްދުވަހާ ރެކޯޑް ކުރިއިރު، 394 މަރުގެ ކޭސްވެސް ވަނީ ރިޕޯޓް ކޮށްފައެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ދިއްލީއިން 10732 ކޮވިޑް ކޭސް، މުމްބާއީއިން 9989 ކޭސް އަދި ޕޫނާއިން 12377 ކޮވިޑް ކޭސް ރިޕޯޓް ކޮށްފައި ވެއެވެ.