ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ނުލިބުނު ދާއިރާތަކުގައި އިތުރަށް ކުރަން ޖެހޭ މަސައްކަތް ދެނެގަންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ނުލިބުނު ދާއިރާތަކުގައި އިތުރަށް ކުރަން ޖެހޭ މަސައްކަތް ދެނެގަނެ، އެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށެވެ.

ހަމައެއާއެކު، އޭނާ ވަނީ މި އިންތިހާބުގައި އެމްޑީޕީން ގޮނޑި ކާމިޔާބު ކުރި ދާއިރާތަކަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައި ވާއިރު، އެމްޑީޕީން ވަނީ މި ކައުންސިލް އިންތިހާބުގައި 600 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައެވެ. އަތޮޅުތެރެއިން އެމްޑީޕީގެ ބޮޑު ކާމިޔާބީއެއް ފެންނަމުން ދާއިރު، މާލޭގެ މެޖޯރިޓީ ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމުންނެވެ. އެކަމާ ހެދި، ގިނަ ބަޔަކު ދަނީ އެމްޑީޕީއަށް މި އިންތިހާބުން ނާކާމިޔާބު ލިބުނު ކަމަށް ބުނަމުންނެވެ.

ރާއްޖޭގެ 4 ސިޓީގެ މޭޔަރުންނަށް ބަލާލާއިރު، މާލެ ސިޓީގެ މޭޔަރު ގޮނޑި ޕީޕީއެމްއިން ކާމިޔާބު ކުރި ނަމަވެސް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށީ ސިޓީގެ މޭޔަރުގެ ގޮނޑިި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެގޮތުން އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި އަލީ ނިޒާރު ކާމިޔާބު ކުރެއްވި އިރު ފުވައްމުލައް ސިޓީގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ އިސްމާއިލް ރަފީގެވެ. އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު ގޮނޑި ކާމިޔާބު ކުރެއްވީ މުހައްމަދު އާތިފްއެވެ.