އިންތިހާބާ ބެހޭ މައި މައުކަޒު، ބާ ޖަމާލުއްދީން ކުރިމަތީ އިދިކޮޅު ޕީޕީއެމުން އިހުތިޖާޖު ކޮށްފިއެވެ.

ރޭ މެންދަމު މި އިހުތިޖާޖު ކޮށްފައި ވަނީ، އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުން ދާ ކަމަށް ބުނެ، ޕީޕީއެމް ކެންޑިޑޭޓުން ޝަކުވާ ހުށަހެޅުމަށް އެތަނަށް ގޮހެވެ. އެގޮތުން، އެވަގުތު އެތަނުގައި ޑިއުޓީ އަދާ ކުރަމުން ދިޔަ ފުލުހަކު ޕީޕީއެމްގެ ސަޕޯޓަރުންނަށް ނިސްބަތް ކޮށް ބުނި އެއްޗެއްގެ ސަބަބުން، އެ ޕާޓީގެ ސަޕޯޓަރުން ވަނީ އަޑުގަދަކޮށް، ޝަކުވާ ކޮށްފައެވެ.

އެކަމާ ޝަކުވާ ކުރަމުން ދަނިކޮށް، މަރުކަޒު ތެރެއިން، ބަންދު ކޮށްފައި ވާ ފޮށިތަކެއް ނެރެން އުޅުމުން، ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އަދި އެ ފޮށިތަކުގައި ހުރީ ކޯއްޗެއްތޯ ސުވާލުކޮށް، ޕީޕީއެމް ލީޑާޝިޕްގައި ހިމެނޭ ބޭފުޅެއްގެ ހާޒިރުގައި ފޮށިތައް ހުޅުވާ، އެތެރޭގައި ހުރީ ކޯއްޗެއްތޯ ބަލާ ވަނީ ޗެކް ކޮށްފައެވެ.

މައުލޫމާތު ލިބިފައި ވާ ގޮތުގައި، ބަންދު ކޮށްފައި ވާ ފޮށިތަކުގައި ހުރީ އަންނައުނެވެ.

އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމަށް އެމްޑީޕީން ނުފޫޒު ފޯރުވަމުން ދާ ކަމަށް ބުނެ ޕީޕީއެމުން ދަނީ ބޮޑެތި ތުހުމަތު ތަކެއް ކުރަމުންނެވެ.

މީގެ އިތުރުން ވެސް ޕީޕީއެމުން ވަނީ، އިންތިހާބާ ބެހޭ މައި މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަމަށް ފާޑު ކިޔާފައެވެ. އެގޮތުން، ސެކިއުރިޓީ ބެލެހެއްޓުމަށް އެންމެ ފުލުހަކު ހުރި ކަމަށް ބުނެ، ވޯޓު ފޮށިތަކުގެ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ވެސް އެ ޕާޓީން ބުނެފައި ވެއެވެ.