ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން އަންނަ އެންޓިވައިރަލް ޑްރަގެއް ކަމަށްވާ ރެމްޑެސިވިއާ އަދި ރެމްޑެސިވިއާ އުފައްދަން ބޭނުންވާ ބޭސްވެރިކަމުގެ ސަމާނު އެކްސްޕޯޓް ކުރުން، އިންޑިއާއިން ހުއްޓާލައިފިއެވެ.
ރެމްޑެސިވިއާ އަދި އެ ބޭހާ ގުޅޭ މާއްދާތައް އެކްސްޕޯޓް ކުރުން އިންޑިއާއިން ހުއްޓާލީ، ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19ގެ ކޭސްތައް އިންޑިއާގައި ރެކޯޑް އަދަދަކަށް ގިނަވެ، އިންޑިއާގެ ބައެއް ހިސާބުތަކަށް މި ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިވެގެން ކަމަށް ހަބަރު ލިބެއެވެ.
އާދީއްތަ ދުވަހު އެކަނިވެސް އިންޑިއާއިން ވަނީ 152879 ކޭސް ރިޕޯޓް ކޮށްފައެވެ. މިއާއެކު ފާއިތުވީ 6 ދުވަހުވެސް އިންޑިއާއިން ކޭސް ރިޕޯޓް ކުރީ ރެކޯޑް އަދަދުތަކުން ކަން ފާހަގަ ކުރަން ޖެހެއެވެ.
ދުނިޔޭގެ ފާމަސީ ނުވަތަ ބޭސް ފިހާރައިގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާއިން ރެމްޑެސިވިއާ އެކްސްޕޯޓް ކުރުން މަނާ ކޮށްފައި ވާއިރު، އެ ގައުމުން ވަނީ، ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާ ވެކްސިން އެކްސްޕޯޓް ކުރުންވެސް މަޑުޖައްސާލާފައެވެ.
އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ރެމްޑެސިވިއާ އެކްސްޕޯޓް ކުރުން މަނާ ކުރުމަށް ނިންމާފައި ވަނީ، މަސްރަހު ހަމައަކަށް އެޅެންދެން ކަމަށެވެ.
ޖިލިއަޑް ސައެންސަސްގެ އުފެއްދުމެއް ކަމަށްވާ ރެމްޑެސިވިއާ، ސިނާއީ ފެންވަރުގައި އުފެއްދުމުގެ ލައިސަންސް، އިންޑިއާގެ 7 ކުންފުންޏަކަށް އޮވެއެވެ. އިންޑިއާގެ އަމިއްލަ ބޭނުމަށާ، 100 ގައުމަކަށް އެކްސްޕޯޓް ކުރުމަށް، މަހެއްގެ މައްޗަށް 3.9 މިލިއަން ޔުނިޓްގެ ރެމްޑެސިވިއާ އުފެއްދުމުގެ ގާބިލުކަން މި ކާރުހާނާތަކަށް ލިބިގެންވެއެވެ.
ފާމަސޫޓިކަލް ކުންފުނި ޖިލިއަޑް ސައެންސަސްގެ އެންޓިވައިރަލް ޑްރަގް – ވެކްލަރީ ނުވަތަ އާންމު ނަމުން ނަމަ، ރެމްޑެސިވިއާއަކީ، ކޮވިޑްގެ ފަރުވާގެ ގޮތުގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ބަލައިގެންފައި ވާކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ރެމްޑެސިވިއާއަކީ ޖިލިއަޑް ކުންފުނިން، އެބޯލާ ރޯގާއަށް ހާއްސަ ކުރި ފަރުވާއެކެވެ. ނަމަވެސް، މި ބޭހަކީ، ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ނަކަލު ކުރުން ހުއްޓުވާ ބޭހެއްކަން ވަނީ ދެނެގަނެވިފައެވެ. ޖިލިއަޑްއިން ބުނާ ގޮތުގައި މި ބޭސް ބޭނުން ކުރުމުން، ކޮވިޑް-19ގެ ޕޭޝަންޓުން ހޮސްޕިޓަލުގައި ހޭދަ ކުރަންޖެހޭ މުއްދަތުން 5 ދުވަސް މަދުކޮށްލެވެއެވެ.
ކަން މިހެން އޮތް ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، މި ބޭހުގެ ސަބަބުން ފުރާނަ ސަލާމަތް ކުރުމަށް އާދަޔާ ހިލާފު ކާމިޔާބީއެއް ލިބޭތީ ފާހަގަ ކުރެވިފައި ނުވާ ކަމަށް ބުނެފައެވެ.