އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ ދާއިރާތަކަށް ޕީޕީއެމުން ވާދަކުރި ހުރިހާ ކެންޑިޑޭޓުންވެސް ގޮނޑި ކާމިޔާބު ކޮށްފިއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިކަން އިއުލާނު ކޮށްފައެވެ. އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޕީޕީއެމްއަށް ވޯޓު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ޕީޕީއެމްގެ ޓިކެޓުގައި ޖުމްލަ 13 ކެންޑިޑޭޓުން އިންތިހާބުގައި ވާދަ ކުރިއެވެ. މި 13 ކެންޑިޑޭޓުން ވެސް ވަނީ ގޮނޑި ކާމިޔާބު ކޮށްފައެވެ.

ޕީޕީއެމް ޓިކެޓުގައި ވާދަކޮށް ލޯކަލް ކައުންސިލް ކާމިޔާބު ކުރި ކެންޑިޑޭޓުން

  • މާލެ ސިޓީގެ މޭޔަރުކަމަށް ޑރ. މުހައްމަދު މުއިއްޒު
  • ހުޅުމާލެ ދާއިރާގެ މެންބަރު ކަމަށް އިބްރާހީމް ޝުޖާއު
  • ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ކަމަށް އަހުމަދު އައިފާން
  • މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު ކަމަށް ހަސަން ނާޒިމް
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ކަމަށް އިބްރާހީމް އަބޫބަކުރު
  • މާފަންނު މެދު ދާއިރާގެ މެންބަރު ކަމަށް އަހުމަދު ނަރީޝް
  • މާފަންނު ދެކުނު ދާއިރާގެ މެންބަރު ކަމަށް އަބްދުﷲ ނާސިރު
  • މެދު ހެންވޭރު ދާއިރާގެ މެންބަރު ކަމަށް އާދަމް ރަމީޒު
  • ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމަށް އިބްރާހީމް މުހައްމަދު

ޕީޕީއެމުން "އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ" ކާމިޔާބު ކުރި ކެންޑިޑޭޓުން

  • މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ކަމަށް އާއިޝަތު ނާޒިމާ
  • މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު ކަމަށް ސައީދާ ރަޝާދު
  • ވިލިމާލެ ދާއިރާގެ މެންބަރު ކަމަށް ނަހުލާ އަލީ
  • ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ކަމަށް ފާތިމަތު ޝަމްނާޒް އަލީ ސަލީމް

ބާކީ 6 ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުން

  • ހެންވޭރު އުތުރު ދާއިރާ - އާއިޝަތު ނިޒްލީ ރަޝީދު (އެމްޑީޕީ)
  • ގަލޮޅު މެދު ދާއިރާ - ޝަމްސިއްޔާ އުމަރު (އެމްޑީޕީ)
  • ގަލޮޅު ހުޅަނގު ދާއިރާ - މާރިޔަމް ނާޒިމާ މުހައްމަދު ފާއިޒް (އެމްޑީޕީ)
  • މައްޗަންގޮޅި މެދު ދާއިރާ -އަހްމަދު ސަމީރު (އެމްޑީޕީ)
  • ގަލޮޅު އުތުރު ދާއިރާ - މުހައްމަދު ސައިފް ފާތިހް (އެމްޑީޕީ)
  • މާފަންނު އުތުރު ދާއިރާ - އާމިނަތު ޔުމްނާ (ޖޭޕީ)

އަދުރޭ ވިދާޅުވީ، މިއީ މާލޭ ރައްޔިތުންގެ ނިންމުން ކަމަށާއި މާލޭގެ ރައްޔިތުންގެ ވޯޓުން ވަނީ އެމީހުން ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތާއި ޕީޕީއެމްގެ ފިކުރުކަން ދައްކުވައިދީފައި ކަމަށެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުނސިލް އިންތިހާބުގައި މާލެ ސިޓީގެ ދާއިރާތަކުގެ ގޮނޑީތަކުގެ މެޖޯރިޓީ ޕީޕީއެމަށް ލިބިފައިވާ އިރު މިއީ ލޯކަލް ކައުންސިލް އިންތިހާބެއްގައި މާލެ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީން ވަނީ އިންތިހާބުގައި މާލޭގެ ދާއިރާތަކުން 4 ދާއިރާއެއްގެ ވޯޓުތައް އަލުން ގުނައިދިނުމަށް އެދިފައެވެ. އެއީ މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މައްޗަންގޯޅި އުތުރު އަދި މާފަންނު އުތުރު ދާއިރާއެވެ.

އަދި ޖޭޕީއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ދާއިރާއަކުންނެވެ.