ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ރީޓެއިލް ވިޔަފާރީގެ ގޮތުގައި ސިފަ ކުރަމުން އަންނަ "އަލީބާބާ" ރެކޯޑް އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

ބާޒާރުގެ ނުފޫޒުގަދަ މަގާމެއްގައި އެތައް އަހަރެއް ވަންދެން އޮތް އަލީބާބާއިން އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުން ގޮސްފައި ވާ ކަމަށް ބުނެ، ޗައިނާގެ ރެގިއުލޭޓަރުން، އަލީބާބާ ޖޫރިމަނާ ކުރީ 2.75 ބިލިއަން ޑޮލަރާ އެއްވަރުގެ އަގަކުން ކަމަށް މައުލޫމާތު ލިބެއެވެ.

އަލީބާބާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ރެގިއުލޭޓަރުގެ ހުކުމް ބަލައިގަންނަ ކަމަށާ، އުސޫލާ އެއްގޮތަށް އަމަލުތައް ބަހައްޓާނެކަން ކަށަވަރު ކުރާނެ ކަމަށެވެ.

މުރާސިލުން ބުނާ ގޮތުގައި، މި ހުކުމަކީ، އިންޓަނެޓް ޕްލެޓްފޯމްގައި ނުފޫޒުގަދަ ކުރަމުން އަންނަ ކަމަށް ޗައިނާއަށް ފެންނަ ކުންފުނިތަކާ ދެކޮޅަށް އެ ގައުމުން އަޅާ ފިޔަވަޅެކެވެ.

2.75 ބިލިއަން ޑޮލަރާ އެއްވަރުގެ އަގަކުން އަލީބާބާ ޖޫރިމަނާ ކޮށްފައި ވާއިރު، މިއީ 2019 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ޖުމުލަ އާމްދަނީގެ 4 ޕަސެންޓެވެ.

ޗައިނާގެ ރެގިއުލޭޓަރުން ބުނާ ގޮތުގައި، އަލީބާބާއިން ވާދަވެރިން ހުއްޓުވާފައި ވަނީ، އެހެން ޕްލެޓްފޯމުތަކުގައި މުދާ ވިއްކުމަށް، މުދާ ވިއްކާ ބައެއް ފަރާތްތަކަށް ހުރަސް އަޅައިގެން ކަމަށެވެ.

ޗައިނާގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުގައި ހިމެނޭ ޖެކް މާގެ އަލީބާބާއާ ދެކޮޅަށް ޗައިނާގެ ރެގިއުލޭޓަރުން ފިޔަވަޅު އަޅާފައި ވާއިރު، މީގެ ދުވަސްކޮޅެއް ކުރިން، މާ ވަނީ، ޗައިނާގެ ރެގިއުލޭޓަރުންނަށް ވަރަށް ބޮޑަށް ފާޑުކިއާފައެވެ.