ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ 100 މިލިއަން ޑޯޒްގެ ފާހަގަ، އެންމެ ހަލުވި ދުވެލީގައި ކަށަވަރުކުރި ފުރަތަމަ ގައުމަކީ އިންޑިއާ ކަމަށް، އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ބުނެފިއެވެ.

100 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ޖެހުމަށް، އިންޑިއާއަށް ބޭނުންވީ އެންމެ 85 ދުވަހެވެ. އެމެރިކާއިން މި ފާހަގަ ހުރަސް ކުރީ 89 ދުވަހުގެ ތެރޭގައި ކަމަށްވާއިރު، ޗައިނާއިން 100 މިލިއަން ޑޯޒްގެ ފާހަގަ ހުރަސް ކުރީ 102 ދުވަހުގެ ތެރޭގައެވެ.

މި ދަނޑިވަޅަކީ އިންޑިއާގައި އަނެއްކާވެސް ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅަކަށް ވާއިރު، ވެކްސިން ރޭހުގައި އެގައުމަށް ލިބުނު މި ޝަރަފާއެކު، އާ ރޫހެއްގައި ވެކްސިން މަޝްރޫއު ކުރިއަށް ދާނެ ކަމަށް ބެލެވެއެވެ.

ބިލިއަނަކަށް ވުރެ ގިނަ މީހުންގެ ބޮޑު އާބާދީއެއް އޮތް އިންޑިއާގައި ހިންގާ ކޮވިޑް ވެކްސިން ކެމްޕޭނަކީ، ބައިނަލްއަގުވާމީ ފެންވަރުގައިވެސް ހިންގާ އެންމެ ވަރުގަދަ ކެމްޕޭނެވެ. ނަމަވެސް، ބައެއް ސްޓޭޓްތަކުގައި އެކަށީގެންވާ ރޫހެއްގައި ވެކްސިން ކެމްޕޭން ނުހިންގާ ކަމުގެ ވާހަކަތަކެއް އިންޑިއާގެ ސަރުކާރުން ވަނީ ފެންމަތި ކޮށްފައެވެ.