ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ ގޮނޑި ކާމިޔާބު ކުރެއްވުމާ ދާދި ގާތަށް ޖެހިލައިފިއެވެ.

މިހާތަނަށް ގުނި ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 1000 އެއްހާ ތަފާތުން ޑރ. މުއިއްއު އޮތީ ކުރީގައެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، މިހާތަނަށް ޑރ. މުއިއްޒު ވަނީ 1537 ވޯޓް ވަނީ ލިބިފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ލިބިފައި ވަނީ 714 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރާ އަލްހާން ފަހްމީ އަށް ލިބިފައި ވަނީ 28 ވޯޓެވެ.

މި ނަތީޖާއަށް ބުރަވާ އިރު މާލެގެ މޭޔަރަކަށް ހޮވޭނީ ޑރ. މުއިއްޒެވެ.

މާލޭގެ އެންމެ މުހިންމު ގޮނޑި އެމްޑީޕީއަށް ގެއްލިދާނެ ކަމަށް ބެލެވޭ އިރު އެމްޑީޕީގެ ބައެއް ބޭފުޅުން މިހާރުވެސް ގެންދަވަނީ ޝުއޫރު ފާޅު ކުރަމުންނެވެ. އެގޮތުން، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ވިދާޅުވީ، މާލޭން އެމްޑީޕީ ބަލިވީ ފްލެޓްތަކާ ގުޅިގެން ކުރިމަތިވެފައިވާ ކަންކަމުގެ ސަބަބުން ކަމަށެވެ.

މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 2234 ކެންޑިޑޭޓުން ކުރިމަތި ލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 1580 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

އިންތިހާބުގެ ވޯޓު ގުނުން މިހާރު ކުރިއަށް ދާއިރު، އިންތިހާބަކާ ނުލާ ބައެއް މެންބަރުން ވަނީ ހޮވިފައެވެ.

އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 31 ދާއިރާއަކަށް 90 މެންބަރުން އިންތިހާބު ވެފައި ވާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 22 މަގާމަކަށް 30 މެންބަރުން އިިންތިހާބު ވަނީ އިންތިހާބު ވެފައެވެ.