މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި، 100،000 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މިއަދު މެންދުރު 1:50ގެ ނިޔަލަށް ހުރިހާ ފޮއްޓެއްގައި ވެސް ވޯޓުލުން ފަށައިފައިވާ ކަމަށެވެ. އަދި އެވަގުތާއި ހަމައަށް 100،829 މީހަކު ވޯޓު ލާފައިވާ ވެއެވެ.

ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިރުއޮއްސި 6:00އާ ހަމައަށެވެ.

ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 53،689 ފިރިހެނުންނާއި، 47،140 އަންހެނުންނެވެ. މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެހެންކަމުން އަދިވެސް ބޮޑީ ވޯޓުނުލާ ޕަސެންޓޭޖެވެ. އެގޮތުން ވޯޓުނުލާ ޕަސެންޓޭޖަކީ 63.08 ޕަސެންޓެވެ.

މި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން، އަދާލަތު ޕާޓީން 28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ 1 ކެންޑިޑޭޓް ވާދަކުރާނެއެވެ. އަމިއްލަ ގޮތުން 609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.

މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 2234 ކެންޑިޑޭޓުން ކުރިމަތި ލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 1580 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އިންތިހާބުގެ ވޯޓުލުން ކުރިއާށް ދާއިރު، އިންތިހާބަކާ ނުލާ ބައެއް މެންބަރުން ވަނީ ހޮވިފައެވެ.