މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް، ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭނީ 48 ގަޑިއިރުތެރޭ އަނބުރާ އަންނަ ގޮތަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ ކޮވިޑް-19 ގެ ހާލަތުގައި، މިހާރު ކުރިއަށްދާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް، މާލެ ސަރަހައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރުމުގާ، ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ގެސްޓުހައުސް ހުންނަ ރަށްރަށުންނާއި ކޮވިޑް -19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ކަނޑައެޅިފައިވާ ކަރަންޓީނު ކުރުމުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ވޯޓުލުމަށްޓަކައި، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ރަށަށް 10 ދުވަހުގެ މުއްދަތުގެ ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ.

މީގެ އިތުރުން:

  • ވޯޓުލާ ސަރަހައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިޔުން
  • ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން
  • މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން
  • ވޯޓުލުމަށްފަހު، ގިނަވެގެން 48 ގަޑިއިރުގެ ތޭރޭގައި އެ މީހަކު އައި ރަށަކަށް އެނބުރި ދިޔުން
  • ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން
  • ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީހާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި، ރަށުގައި ހުންނާނެ ތަން އެންގުން
  • ކޮވިޑް-19 ގެ ހާ ލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި އަމަލުކުރުން

މި އެންގުމުގެ ދަށުން ރަށްރަށަށް ދަތުރުކުރެވޭނީ، ވޯޓުލުމަށް ޓަކައި ދާ ފަރާތްތަކަށް އެކަންޏެވެ. އަދި އެ ފަރާތްތަކުން، ކޮވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ އެންމެހައި ފިޔަވަޅުތަކަށް އަމަލުކުރަން ވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.