ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، "ޕޮލިސް ބޯޑު" އެކުލަވައި ލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބޯޑު އެކުލަވާލައްވާފައި ވަނީ މިއަދެވެ. މި ބޯޑުގައި އެކުލެވެނީ 7 މެންބަރުންގެ މައްޗަށެވެ.

ޕޮލިސް ބޯޑުގައި ހިމެނޭ މެންބަރުން:

  1. އަހްމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
  2. އައިޝަތު ނޫރާ މުހައްމަދު، ހ. ނޫމުތީ
  3. އަލީ ފާއިޒު، މއ. މަނާގެ
  4. އަހްމަދު ނާޝިދު، މއ. ގޯލްޑަންމޫން
  5. އާދަމް އިބްރާހީމް، ގ. ޑިމްލައިޓް
  6. ހާމިދު އަބްދުލްޣަފޫރު، ހ. ޝޭޑީކޯނާ
  7. ސަފާ ޝަރީފް، ދެތަޑިމާގެ / ސ. ހުޅުދޫ

ޕޮލިސް ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮމިޝަނަރާއި އެހެނިހެން އޮފިސަރުންނަކީ މަގާމަށް އެކަށޭނެ ބައެއްތޯ ވަޒަން ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާ ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާ ދިނުން ހިމެނެއެވެ.

ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި ޕޮލިސް ބޯޑާއި ފުލުހުންގެ ބިލަކީ ފެބްރުއަރީ 7، 2012 އަށް އަމާޒު ކޮށް ހެދި ބިލެއް ކަމަށް ގިނަ ބަޔަކު ބުނާއިރު ފުލުހުން ބުނެފައި ވަނީ އެ ބިލަކީ، ފުލުހުންގެ މަޝްވަރާއާ އެއްގޮތަށް އޮތް ބިލެއް ކަމަށެވެ.

އެ ބިލާ ގުޅޭ ގޮތުން، ފުލުހުންގެ ތަރުޖަމާން ޗީޕް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ، އެއީ ފުލުހުންގެ ފަރާތުން ވަރަށް ބޮޑަށް ތަރުހީބުދޭ ބިލެއް ކަމަށާއި ފުލުހުންގެ މުައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށްވެސް އެ ބިލުން ފުރުސަތު އޮތް ކަމަށެވެ.