ދުނިޔޭގެ ސިނާއީ ބާޒާރުގެ އެންމެ ބޮޑު ކޮންޓްރޯލެއް އޮތް އެއް ގައުމު ކަމަށްވާ ޗައިނާގެ ކާރުހާނާތަކުގައި މުދާ އުފައްދާ ފަރާތްތަކުން އެ މުދާ ވިއްކާ އަގު އުފުލުމާއެކު، ދުނިޔޭގެ ފެންވަރުގައި ތަކެތީގެ އަގުތައް އުފުލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް ނުވަތަ މުދާ އުފައްދާ ފަރާތްތަކުން އެ މުދާ ވިއްކާ އަގަށް ގެންނަ އެވަރޭޖު އަގަށް ބަލާއިރު، ޖުލައި 2018 އަށް ފަހު، މި އަހަރުގެ މާޗް މަހު، މިއަދަދު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ.

2020 ވަނަ އަހަރާ އަޅާ ބަލާއިރު، މިއަހަރު ޗައިނާގެ ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް 4.4 ޕަސެންޓް އިތުރުވިއިރު، 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހާ އަޅާ ބަލާއިރު، މިއަހަރުގެ ފެބުރުއަރީ މަހު، 1.7 ޕަސެންޓްގެ އިތުރުވުމެއް ވަނީ ފާހަގަ ކުރެވިފައެވެ.

ދުވަސްތަކެއް ވަންދެން ދަށުގައި އޮތުމަށްފަހު، ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް މައްޗަށް ދާން ފަށާފައި މިވަނީ، ތެލާއި، ލޮއި އަދި ދަނޑުވެރިކަމާ ގުޅޭ މުދަލުގެ އަގުތައް އުފުލުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާއަކީ ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ ބޭރު ކުރާ ގައުމަށް ވާއިރު، ޗައިނާއިން އަގުތައް އުފުލުމަކީ، ބައިނަލްއަގުވާމީ ފެންވަރުގައި މުދަލުގެ އަގުތައް އުފުލިގެންދާނެ ކަމެކެވެ. މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އިގުތިސޯދީ އަދި މާލީ ހީނަރުކަން އޭގެ އެންމެ އިންތިހާއަށް ކުރިމަތިވެފައި ވާ ދަނޑިވަޅަކަށް ވާއިރު، ޗައިނާއިން އަގުތައް އުފުލުމުގެ ނޭދެވޭ އަސަރުވެސް އޭގެ އެންމެ އިންތިހާއަށް ފޯރާނެ ކަމަށް ބެލެވެއެވެ.