މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޖެހުމަށް ގައުމީ ފެންވަރުގައި ފެށީ އަޒުމު ވަރުގަދަ ކެމްޕޭންގެ ތެރެއިން، އެންމެ 9 ދުވަހުގެ ތެރޭގައި އާބާދީގެ، ގާތްގަނޑަކަށް 60 ޕަސެންޓް މީހުންނަށް ވެކްސިން ޖަހާފައި ވާކަމަށް ބޫޓާންއިން ބުނެފިއެވެ.

ސަރަހައްދީ ބާރުތައް ކަމަށްވާ އިންޑިއާއާއި ޗައިނާއާ ދެމެދު އޮތް ބޫޓާންގެ 770،000 އެއްހާ މީހުންގެ ތެރެއިން، 470،000 މީހުން، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ބޫޓާންގެ ވެކްސިން ކެމްޕޭންގައި ބޭނުން ކުރަނީ، އަވަށްޓެރި އިންޑިއާއިން ހަދިޔާ ކޮށްފައި ވާ ކޮވިޝީލްޑް ވެކްސިނެވެ.

މި ރެކޯޑާއެކު ބޫޓާންއިން މިވަނީ، އާބާދީގެ 60 ޕަސެންޓް ކަވަރު ކުރުމުގައި، ވެކްސިން ރޭހުގެ އެންމެ ކުރީގައި އުޅޭ ސީޝެލްސް، އިސްރާއީލު އަދި އެކުވެރި އަރަބި އިމާރާތް ފަދަ މަންޒިލްތައް ފަހަތަށް ޖައްސާލާފައެވެ.

ބޫޓާންގައި ކޮވިޑް-19 ފެތުރިފައި ވާ ގޮތަށް ބަލާއިރު، މިހާތަނަށް ރެކޯޑް ކޮށްފައި ވަނީ 896 ކޭހެވެ. އަދި މި ބަލީގައި މަރުވި ކަމަށް ރެކޯޑް ކޮށްފައި ވަނީ 1 ކޭހެވެ.